މެޑްރިޑް (ޖޫން 7): ސްޕެއިންގެ އާ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، 11 އަންހެނުންނާއި ހަ ފިރިހެން މިނިސްޓަރުން ހިމެނޭ ކެބިނެޓެއް އެކުލަވާލައްވައިފި އެވެ. އެއީ ޔޫރަޕްގެ ގައުމެއްގައި ކެބިނެޓަށް އެހާ ވަރަށް ގިނަ އަންހެނުން އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެރިކަމުގެ ހުވާ ކުރެއްވި ސަންޗޭޒް ވަނީ އެކެބިނެޓުން ދައްކުވައިދެނީ މާޗް މަހުގެ އަށް ވަނަ ދުވަހު، މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް ފަސް މިލިއަން އަންހެނުން ކުރި މުޒާހަރާގެ ސަބަބުން ގައުމަށް އައި ބަދަލު ކަމަށް ވިދާޅުވެފަ އެވެ.

ސްޕެއިންގެ 17 މިނިސްޓްރީއެއްގެ ތެރެއިން 11 މިނިސްޓްރީއަކަށް އަންހެނުން އައްޔަންކޮށްފައިވާ އިރު އޭގެ ތެރޭގައި ބޮޑުވަޒީރުގެ ނައިބު ކަމާއި އިކޮނޮމިކް މިނިސްޓަރު ކަމާއި ޖަސްޓިސް މިނިސްޓަރު ކަމާއި ޑިފެންސް މިނިސްޓަރުކަން ހިމެނެ އެވެ.

އެހެންކަމުން އެސަރުކާރުގެ 61.1 ޕަސެންޓު ހިއްސާ ކުރަނީ އަންހެނުންނެވެ. އެއީ ސްޕެއިންގެ ތާރީހުގައި ވެސް އަންހެނުންގެ ދައުރު އެހާވަރަށް އޮތް ފުރަތަމަ ސަރުކާރެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ތެރެއިން ވެސް އަންހެން މިނިސްޓަރުންގެ އަދަދު 50 ޕަސެންޓަށް ވުރެ އިތުރު ވަނީ މަދު ގައުމެއްގަ އެވެ. އޭގެ ތެރޭގައި ފްރާންސާއި ސްވިޑެން އާއި ކެނެޑާ ހިމެނެ އެވެ.

ބޮޑުވަޒީރު ސަންޗޭޒްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ކެތަލޯނިއާއާ އެކު ގުޅުން ބަދަހި ކުރުން ހިމެނެ އެވެ. މިދިޔަ އޮކްޓޯބަރު މަހު ސްޕެއިން އިން ވަކިވެ، މިނިވަން ދައުލަތެއް ބިނާ ކުރުމަށް ވޯޓުލި ކެތަލޯނިއާއިން ވަނީ މިދިޔަ ހުކުރު ދުވަހު އާ ސަރުކާރެއް އެކުލަވާލައިފަ އެވެ. (ބީބީސީ)