08 Sep 2011, 12:23
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާ ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ އުފެއްދުމުގެ ހުއްދައާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ފުއާދު ތައުފީގު ވިދާޅުވީ ޕާޓީ އުފެއްދުމަށްޓަކައި ކުރަން ޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދައާ މެދު މިއަދު ގޮތެއްނިންމައި މެންދުރު ފަހު ޖަވާބެއްދޭނެ ކަމަށެވެ. އަދި ޕާޓީ އުފެއްދުމަށް ހުށަހަޅާފައިވާ ފޯމްތައްތަކާއި ލިޔެކިޔުންތައް ބަލާ ނިމުނުހާ އަވަހަކަށް ޖަވާބެއް ދޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ނުވަތަ ޕާޓީ އުފެއްދުމަށްޓަކައި ކުރަން ޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދައާ ދޭނީ 50 މީހުންގެ ސޮޔާ އެކު ސައްހަ ފޯމްތަކެއް ހުށަހެޅުމުން ކަމަށެވެ.
ނަމަވެސް ޕީޕީއެމް އުފެއްދުމުގެ ހުއްދައަށް އެދި 703 މީހުންގެ ފޯމް އިލެކްޝަންސް އަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމްތަކުގެ ތެރެއިން މައްސަލަ އުޅެނީ ވަރަށް މަދު ފޯމްތަކެއްގައި ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކާ އަޅާބަލާ އިރު ރަނގަޅު ލިޔެކިޔުންތައް ޕީޕީއެމް އުފައްދާ ބޭފުޅުން ހުށަހަޅުއްވާފައިވާ ކަމަށެވެ.
"ޕާޓީތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ގިނަ ލިޔެކިޔުންތަކަށް ވުރެ، ރަނގަޅުކޮށް ހުރީ. އެހެން ކަމަށް ވިޔަސް ވެސް ވަރަށް މަދު ފޯމެއް އެބަ ހުރޭ ރިޖެކްޓް ކުރަން ޖެހޭ. އެއީ ދެންހަމަ ހުރިހާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރާ އިރު ވެސް ވާ ކަމެއް،" 15 ވަނަ އަށް ރާއްޖޭގައި އުފައްދާ ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާ ބެހޭ ގޮތުން ފުއާދު ތައުފީގު ވިދާޅުވި އެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ނުވަތަ ޕީޕީއެމްގެ ނަމާ ބެހޭ ގޮތުން ސަރުކާރުގެ އިދާރާތަކުން ދީފައިވާ މައުލޫމާތުތަކަށް ބުރަވެ ފުއާދު ވިދާޅުވީ އެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދޭނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 6 މާއްދާގެ )ނ( ގައި ބުނެފައި ވަނީ ޕާޓީއެއް އުފެއްދުމުގެ ޝައުގުވެރިކަން ބަޔާންކޮށް އެ ގަވާއިދުގައިވާ ގޮތުގެ މަތީން ހުށަހެޅުމުން ޕާޓީ އުފެއްދުމަށްޓަކައި ސޮއި ހޯދުމާއި، ޕާޓީ އުފެއްދުމަށް ޓަކައި ކުރަން ޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ލަސްވެގެން ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭ ކޮމިޝަނުން ލިޔުމަކުން ދޭންވާނެ އެވެ.