07 Jun 2018, 10:59
ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރުގެ އެންމެ ކާމިޔާބު ފިލްމު "ޓޮއިލެޓް: އެކް ޕްރޭމް ކަތާ"، ޗައިނާގައި ރިލީޒް ކުރަން ނިންމައިފިއެވެ.
ޗައިނާގައި ފިލްމު ރިލީޒް ކުރާނީ މާދަމާ އެވެ. ޗައިނާގައި ފިލްމު ރިލީޒް ކުރާނީ "ޓޮއިލެޓް ހީރޯ އިން މެންޑްރިން"ގެ ނަމުގައެވެ. ރިޕޯޓުތައް ބުނާގޮތުން ޗައިނާގެ 4،300 ސްކްރީނެއްގައި ފިލްމު ރިލީޒް ކުރާނެއެވެ.
މިއީ އިންޑިއާގައި ފިލްމު ރިލީޒް ކުރި ސްކްރީންތަކަށް ވުރެ 50 ޕަސެންޓު މަތީ އަދަދެކެވެ. މި އަހަރުގެ އޭޕްރީލް މަހު ބެއިޖީން ފިލްމު ފެސްޓިވަލުގައި ވެސް ފިލްމު ވަނީ ދައްކައިފައެވެ.
އެ ފެސްޓިވަލުގައި ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. އިންޑިއާއިން ވެސް އެ ފިލްމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އެގޮތުން އެ ފިލްމަށް ވަނީ 100 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައެވެ.
އަދި ފިލްމު ވެގެން ގޮސްފައި ވަނީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ.
"ޓޮއިލެޓް" އަކީ އިންޑިއާގެ ފަގީރު ހިސާބުތަކުގެ މީހުން ހާމަ ތަންތަނުގައި ފާޚާނާ ކުރުމުގެ ސަބަބުން ދިމާވެދާނެ އެކިއެކި މައްސަލަތަކުގެ އިތުރުން އެ ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ.
ޝްރީ ނާރާޔަން ސިންގް ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގައި އަކްޝޭ އާ އެކު ލީޑު ރޯލުން ފެނިގެން ދާނީ ބޫމީ ޕެދްނޭކަރު އެވެ.