ތްރީޖީ ހިދުމަތް ނ. މިލަދޫ އަށް ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހިގެން ބަޔަކު ނުކުމެ އެ ރަށުގައި ހުންނަ ދިރާގު ހަޓަށް ގެއްލުންދީފި އެވެ.

މިލަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގައި ހުންނަ ދިރާގު ހަޓަށް ރޭ ދަންވަރު ބަޔަކު ވަދެ ހަޓް ތެރޭ ހުރި ދިރާގު ސިސްޓަމްތަކަށް ގެއްލުންދީ، ދިރާގަށް އެއްޗެހި ކިޔާ ހުތުރު ބަހުން ހަޓްގެ ފާރުގައި ލިޔެފައިވާ ކަމަށެވެ.
އެމީހާ އަދި ބުނީ މިހާރު ރަށުތެރެއަށް ރަނގަޅަށް ރޭންޖު ނުލިބޭ ކަމަށާއި ފޯނު ކުރަން ނުކުންނަން ޖެހެނީ އަތިރިމައްޗަށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދިރާގުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެކަން އެނގުމާ ގުޅިގެން އޭދަފުށީގެ ތިބޭ ދިރާގުގެ ޓެކްނިކަލް ޓީމެއް އެ ރަށަށް ދިއުމަށް ފުރާފައިވާ ކަމަށެވެ. އަދި ސިސްޓަމަށް ލިބިފައި ހުރި ގެއްލުން ރަނގަޅަށް ސާފު ވާނީ އެހިސާބަށް ދިއުމުން ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ ބަޔަކު ހަޓް ތެރެއަށް ވަދެ މެއިން ޕަވާގެ ކޭބަލް ޑިސްކަނެކްޓް ކޮށްލާފައިވާ ކަމަށެވެ.
ދިރާގުން އަންނަނީ މިހާރު ވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް ތުރީޖީގެ ޚިދުމަތް ދެމުންނެވެ.