ރަންވީރު ސިންގ އަދި ސާރާ އަލީ ޚާން އާއެކު، ފިލްމު "ސިމްބާ"ގެ ޝޫޓިން ފަށައިފިއެވެ.

ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސިމްބާ"ގެ މަސައްކަތް ފަށައިފައި ވަނީ ބުދަ ދުވަހު، އިންޑިއާގެ ހައިދަރުއާބާދުގަ އެވެ. ފިލްމުގެ ޝޫޓިން ފެށިކަން ހާމަކޮށްފައި ވަނީ ކަރަން ޖޯހަރުއެވެ.

ފިލްމު ޕްރޮޑިއުސް ކުރަނީ ކަރަންގެ ޕްރޮޑަކްޝަން ހައުސް، ދަރްމާ ޕްރޮޑަކްޝަންސްގެ ބެނާގެ ދަށުންނެވެ. ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި އޮތީ މިދިޔަ މެއި މަހުއެވެ.

ނަމަވެސް ރަންވީރުގެ ކޮނޑަށް ލިބުނު އަނިޔާ އަކާ ގުޅިގެން ފިލްމުގެ ޝޫޓިން ފަސްކޮށްލީ އެވެ. ރަންވީރު އާއި ސާރާ އަކީ ސްކްރީނަށް މުޅިން އާ ޖޯޑެކެވެ. މީގެ ކުރިން ދެމީހުން އެކުގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ. އޭގެ އިތުރުން، މިއީ ކަރަން އާއި ރޯހިތު ވެސް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަދި ކަރަން އާއި ރޯހިތު އާއެކު ރަންވީރު މަސައްކަތް ކުރާ ވެސް މިއީ ފުރަތަމަ ފަހަރެވެ.

ފިލްމުގައި ރަންވީރު ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ. "ސިމްބާ" އަކީ އެންޓީ ރާމަ ރާއޯ ޖޫނިއާ އާއި ކާޖަލް އަގަރްވާލް ކުޅެފައިވާ ފިލްމު "ޓެމްޕާ"ގެ ރިމޭކް އެކެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.