07 Jun 2018, 11:18
މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބުން ގެނައި ބެލަރޫސްގެ ގޯލްކީޕަރު ޑިމީޓްރީ އަސްނިން ފޮނުވާލަން ނިންމާފައިވާ ކަމަށް ކްލަބުން ބުނެފިއެވެ.
ބެލަރޫސްގެ ޕްރިމިއާ ލީގުގެ ޑައިނަމޯ ބިރެސްޓާއި ނަފްތާން އަދި ގޮމެލްއަށް ވެސް ކުޅެފައިވާ އުމުރުން 33 އަހަރުގެ އަސްނިން ވަނީ ޓީސީއަށް އައުމުގެ ކުރިން ކްލަބު ކެރިއަރުގައި 100 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. އޭނާ ޓީސީއަށް ކުޅުނު ފުރަތަމަ މެޗަކީ އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ބަންގާޅުގެ ސައިފް ސްޕޯޓިންނާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗެވެ.
އެ މެޗުގައި އަސްނިންގެ އަތް ބިންދައިގެން ގޮސް އޭނާއަށް އަނިޔާވެފައިވާ އިރު، އޭނާ އަނިޔާއިން ރިކަވާ ވެފައި ވަނީ މާލޭ ލީގުގެ ދެވަނަ ބުރުގައެވެ. އަސްނިން އަނިޔާގައި ހުރި ދުވަސްތަކުގައި ޓީސީގެ ގޯލުން އާއްމުކޮށް ފެނިފައި ވަނީ އިބްރާހީމް ނަދީމް (ރިކޫ)އެވެ. އަދި ބައެއް މެޗުތަކުގައި އިފްރާހް އަރީފްވެސް ޓީސީ ގޯލް ބަލަހައްޓާފައި ވެއެވެ.
އަސްނިން ފިޓްކޮށް ހުރި ނަމަވެސް، ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފައި ވަނީ އޭނާގެ ޓީމުގެ ދިވެހި ކީޕަރަށް އިތުބާރު ކުރާ ކަމަށެވެ. ޓީސީން ބުނީ ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް އެޓީމުން ނުކުންނާނީ ލޯކަލް ކީޕަރުންނާ އެކުގައި ކަމަށެވެ.
ކްލަބުތަކުގެ ޓްރާންސްފާގެ އެކިއެކި "ރޫމާސް"ތައް ފެތުރެން ފަށައިފައިވާ އިރު، ޓީސީއަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބަދަލުވާ ވާހަކަވެސް އަންނަނީ ދެކެވެމުންނެވެ.
ޓީސީގެ ފަރާތުން "ސަން ސްޕޯޓްސް"އަށް މައުލޫމާތު ދީފައިވާ ގޮތުން ޓީސީން ދަގަނޑޭއާ ޓްރާންސްފާގެ އެއްވެސް ވާހަކައެއް އަދި ދެކެވިފައެއް ނެތެވެ. އަދި ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ޓީސީން ދަގަނޑޭ ނުގެންދާނެ ކަމަށްވެސް ކްލަބުން ބުންޏެވެ.
ނިއުއާއެކު މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދަގަނޑޭއަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ނިއުގެ ފަރާތުން ބުނެފައި ވަނީ ކޯޗު އޮސްކާ ބުރުޒޮން ބޭނުންވާ އެއްވެސް ކުޅުންތެރިއަކު ޓީމު ދޫކޮށް ނުދާނެ ކަމަށެވެ.