07 Jun 2018, 03:32
އެއްވެސް ސަބަބެއް ނާންގައި އިންޑިއާގެ ޗެންނާއީއަށް ވަނުމުގެ ފުރުސަތު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކަށް ނުދިން ސަބަބު ސާފުކުރަން އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒަށް ހުށަހަޅައިފިއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) މިރޭ "ސަން"އަށް ވިދާޅުވީ ނިހާނަށް ދިމާވި މައްސަލަ މީގެ ކުރިން ބައެއް ދިވެހިންނަށް ދިމާވެފައިވާ ކަމަށާއި އެ ފަހަރުތަކުގައި ވެސް ސަބަބު އޮޅުން ފިލުވަން ހައި ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާ ކަމަށެވެ.
އަހުމަދު ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިންޑިއާއާއި ރާއްޖެއަކީ އަބަދުވެސް މަޝްވަރާގެ މަތިން ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރާ އެކުވެރި ދެ ގައުމު ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް އިންޑިއާއިން ނުބުނާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
އަހުމަދު މިހެން ވިދާޅުވިއިރު ނިހާންގެ މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ވަނީ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އެކަން ދިމާވި ސަބަބު ލިޔުމުން ބަޔާން ކުރުމަށް އަންގައިފައެވެ.
ޗެންނާއިއަށް ވަނުން މަނާކުރި މައްސަލައާ ގުޅޭގޮތުން އަންގާރަ ދުވަހުގެރޭ ހޮޓެލް ޖެން ބޭރުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ ޗެންނާއީއަށް ވަނުން ހުއްޓުވި ސަބަބަކީ ޕީޕީއެމްގެ މެމްބަރަކަށް ވީމަތޯ ނޫނީ މިހާރު ރާއްޖޭގައި އޮތް ސަރުކާރަށް ތާއީދުކުރާ މީހެއް ވީމާތޯ ވެސް އިންޑިއާއިން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
ޗެންނާއީއަށް ވަންނަން ހުއްދަ ނުދިނުމުން ހިތްހަމަޖެހިވަޑައިނުގެން ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އޭނާ ޗެންނާއަށް ވަޑައިގަތީ ސައިނަސް މައްސަލަ ހުންނާތީ ރޫޓިންކޮށް މީގެ ކުރިން ވެސް ދައްކާ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި ވަޑައިގަތީ އޮން އެރައިވަލް ވިސާގައި އިންޑިއާއަށް ވަންނަން ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އަތުން އެއްވެސް ލިޔުމެއްގައި ސޮއެއް ނުކުރުވާ. ޕާސްޕޯޓުގައި ތައްގަނޑެއް ނުޖަހާ. އިންޑިއާއަށް އެރުން މަނައެކޭ ވެސް ނުބުނޭ. އެކަމަކު ތިން ކަރުދާހެއް އެބޭފުޅުން ގެންގުޅުއްވި. އެ ތިން ކަރުދާހުގެ ތެރޭން އެއް ކަރުދާހެއް އަޅުގަނޑު ދަތުރުކުރި އެއާލައިންގެ އެޖެންޓާ ހަމައިގައި އޮތްކަން އަޅުގަނޑަށް އެނގޭ. އެކަމަކު ނުވެއް ދެކެން،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އެގޮތަށް ކުއްލިއަކަށް އިންޑިއާއަށް އެތެރެވުން މަނާކުރާ ގޮތްތަކެއް އިންޑިއާއިން ކަނޑައަޅައިފިއްޔާ އެކަން ރާއްޖެއަށް އަންގަން ޖެހޭ ކަމަށެވެ. ނިހާން ގަބޫލުކުރެއްވީ އިންޑިއާގެ އިމިގްރޭޝަނުން އޭނާއަށް "ބުލީ ކުރީ" ކަމަށެވެ.