މާދަމާ އިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބާއްވަން ހަމަޖެއްސި ގައުމީ ނެޓްބޯޅަ މުބާރާތް ފަސްކޮށްފައިވާ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ނެޓްބޯލް ޓޯނަމަންޓު ކޮމެޓީގެ ރައީސް ނަސީރު އިސްމާއިލް ބުނީ، މުބާރާތް ފަސްކުރަން ޖެހުނީ ބައިވެރިވާން ޖެހޭ ކުލަބު ތަކުން ސިޓީ ފޮނުވުން ފަސްވުމުގެ ސަބަބުން ކަމަށެވެ.

"މުބާރާތް މިހާރު ވަނީ ފަސްކުރެވިފައި. ބައިވެރިވާން ޖެހޭ ކުލަބު ތަކުން ތަންކޮޅެއް ފަސްވުމުގެ ސަބަބުން މިހާރު ވަނީ މުބާރާތް ފެށުން ފަސްކުރެވިފައި. އެކަންވާނީ އިއުލާން ވެސް ކޮށްފައި." ނަސީރު ބުންޏެވެ.
އޭނާ ބުނީ، މުބާރާތް ފެށުން ފަސްކުރެވުނު ކަމުގައި ވީނަމަވެސް، ކުރިއަށް މިއޮތް ތިން ދުވަހުގެ ތެރޭގައި އަލުން މުބާރާތް ފެއްޓޭތޯ ބަލަމުން އަންނަ ކަމަށެވެ.

"މުބާރާތް ފަށާނެ ޔަގީން ޑޭޓެއް އަދި މުޅިން ބުނަންދަތި. ބޮޑަށް މިބަލަނީ އަންނަ ހޮނިހިރު ފެށޭތޯ" ނަސީރު ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށް ކުރިން ހުޅުވާލި ފުރުސަތުގައި ޖުމްލަ ހަތަރު ޓީމް ބައިވެރިވެފައިވާ އިރު، މިއަދާ ހަމައަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލައިފައި ކަމަށް ނަސީރު ބުންޏެވެ.
ގައުމީ ނެޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ކްލަބް ގްރީންސްޓްރީޓެވެ.