30 May 2010, 10:22
14:30
އިސްލާމެއް ނޫން ކަމަށް ބުނި ޒުވާނާ ފުލުހުންގެ ބަންދުގައި ބެހެއްޓުމުގެ މުއްދަތު ޖިނާއީ ކޯޓުން އިތުރުކޮށްދީފި އެވެ.
ޖިނާއީ ކޯޓުން ބުނީ ފުލުހުން އިއްޔެ ހަވީރުގެ ވަގުތެއްގައި މުހައްމަދު ނާޒިމް އެ ކޯޓަށް ހާޒިރުކޮށް މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން އޭނާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު މާފަންނު ސްޓޭޑިއަމްގައި ބޭއްވި ޑރ. ޒާކިރު ނައިކުގެ ދަރުސަށްފަހު، އާއްމުނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން، މުހައްމަދު ނާޒިމް ވަނީ އަމިއްލަ އަށް ތައާރަފްވުމަށް ފަހު، ތިމަންނާ އަކީ އިސްލާމް ދީން ޤަބޫލުކުރާ މީހެއް ނޫން ކަމަށާއި މުސްލިމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ މައްޗަށް ދީނުގައި އޮތް ހުކުމަކީ ކޮބައިތޯވެސް އޮޅުން ފިލުވައިދިނުމަށް ވެސް ޑރ. ޒާކިރު ނައިކްގެ އަރިހުން އޭނާ ވަނީ އެދިފަ އެވެ. ޑރ. ޒާކިރު ނައިކް އޭނާގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދަނިކޮށް، އޭނާ ވަނީ ޑރ. ޒާކިރު ނައިކް ދެއްކެވި ވާހަކަތަކަށް އިންކާރުކޮށް، ޖަދަލުކޮށްފަ އެވެ. އަދި އެރޭ އެތަނުގައި ތިބި ބަޔަކު އޭނާ މަރާލުމަށް ގޮވައިލައި ހަމަލާން ދޭން ފެށުމުން ފުލުހުން ވަނީ ނާޒިމަށް ހިމާޔަތްދިނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމަށްފަހު އެރޭ ދޫކޮށްލާފަ އެވެ.
ފުލުހުން އެ ޒުވާނާގެ މައްސަލަ ތަހްޤީޤްކުރަން ފަށާފައި މިވަނީ ބައެއް ސިޔާސީ ޕާޓީތަކުންނާއި ބައެއް މަދަނީ ޖަމިއްޔާތަކުން އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލާފައި ވަނިކޮށެވެ.