07 Jun 2018, 00:08
ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް 2018ގައި 12 ޓީމަކުން ބައިވެރިވެއްޖެއެވެ.
ވިލި މުއައްސަސާ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި 10 ވަނަ ދުވަހުން ފެށިގެންނެވެ. މިއަހަރު މުބާރާތުގައި 12 ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވަނީ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ހަތަރު ގްރޫޕްގެ ފުލަށްދާ ހަތަރު ޓީމެވެ.
މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކުވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތު ދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.
ވިލިޖޯއްޔަކީ މިއަހަރުގެ މުބާރާތުގެ ފުރަތަމަ އެހީގެ ޕާޓްނަރެވެ.
މިއަހަރުގެ ވިލި މުއައްސަސާ ކަޕްގައި ބައިވެރިވެފައިވާ ޓީމުތައް:
ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް)
- ދިރާގު
- އެމްޓީސީސީ
- ސްޓެލްކޯ
- ވިލިމާލެ ޕޮލިސް
- މޯލްޑިވް ގޭސް
- އެމްއާރްސީސީ ކޯސްޓް ގާޑް
- އެސްޓީއޯ
- ވިލިމާލެ ހިޔާ
- ޔޫތު އެންޑް ސްޕޯޓްސް
- ކްލަބު ވެމްކޯ
- އުރީދޫ މޯލްޑިވްސް
ވިލި މުއައްސަސާ ކަޕް އިންތިޒާމް ކުރާ ކްލަބު އެމްޓީޓީސީސީން ބުނީ މުބާރާތުގެ ގުރުއަތު ނެގުން މިމަހުގެ 15އިން 20 ވަނަ ދުވަހާ ދޭތެރޭ ކޮންމެވެސް ދުވަހެއްގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށާއި، މުބާރާތް ފެށޭނީ އަންނަ މަހު ހަތެއްގައި ކަމަށެވެ.
ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރުވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.