06 Jun 2018, 21:08
އައިޖީއެމްއެޗްގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު، 96 މިިލިއަން ރުފިޔާ ދީފައިވަނީ މުވައްޒަފުން ކުރި މަސައްކަތްތަކަށް ކަން ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ބައެއް އިދާރާތަަކުން ހިންގާ ތަންތަނާ ބެހޭގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ބައެއް އިދާރާތަކުގެ އިތުރުގަޑީގައި ކުރާ މަސައްކަތުގެ ތަފްސީލު ރެކޯޑް ނުކޮށް، މެދު ކެނޑުމެއްނެތި ގިނަ ވަގުތު އިތުރު ގަޑީގައި މަސައްކަތްް ކުރިކަމަށް ރެކޯޑްކޮށް، އެވަގުތަށް އިތުރުގަޑީގައި ފައިސާ ދީފައިވާ ކަމަށެވެ.
އެގޮތުން އައިޖީއެމްއެޗްގެ ބައެއް މުވައްޒަފުން، ރަސްމީ ގަޑީގެ އިތުރުން، ބައެއް ދުވަސްދުވަހު، 10 ގަޑިއިރުން ފެށިގެން 24 ގަޑިއިރާ ހަމައަށް މެދު ކެނޑުމެއްނެތި އިތުރު ގަޑީގައި މަސައްކަތް ކޮށްފައިވާކަމަށް އިތުރުގަޑީގެ ރެކޯޑްތަކުން ދައްކާ ކަމަށް ބުނެފައިވެއެވެ.
އަދި އައިޖީއެމްއެޗްގެ ގިނަ އަދަދެއްގެ މުވައްޒަފުން 2015 ވަނަ އަހަރުގެ ކޮންމެ މަހަކުވެސް، އެ މުވައްޒަފުންނަށް ލިބޭ އަސާސީ މުސާރައަށްވުރެ ގިނައިން، އިތުރުގަޑީގެ ގޮތުގައި ފައިސާ ނަގާފައިވާކަން ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، މުވައްޒަފުން އިތުރުގަޑީގައި ކުރާ މަސައްކަތުގެ ރެކޯޑްތައް ބެލެހެއްޓުމުގެ ނިޒާމުގައި އެކަށީގެންވާ ކޮންޓްރޯލްތަކެއް ނެތުމުން، އިތުރު ގަޑީގެ ގޮތުގައި ދީފައިވާ ފައިސާ އަކީ ހަގީގަތުގައި ވެސް އިތުރުގަޑީގައި މުވައްޒަފުން ކޮށްފައިވާ މަސައްކަތްތަކަށް ދޫކޮށްފައިވާ ފައިސާކަން ކަށަވަރު ކުރެވެން ނެތް ކަމަށެވެ.
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނަށް ދޫކޮށްފައިވާ އިތުރުގަޑީގެ ފައިސާގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެ މައްސަލައަކީ 2014 ވަނަ އަހަރުގެ އޮޑިޓްގައިވެސް ފާހަގަކުރެވި، އިސްލާހުކުރަން ލަފާދީފައިވާ ކަމެއް ކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އެހެން މައްސަލަތަކަށް ބަލާއިރު، ހެލްތު މިނިސްޓްރީގެ ބައެއް އިދާރާތަކުން އެކިއެކި ބޭނުމަށް ބައެއް ތަކެތި ގައުމާއި ބައެއް މަސައްކަތްތައް ކުރުވާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް، އިއުލާނު ނުކޮށް މަސައްކަތް ބައިބަޔަށް ބަހާލައިގެންކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން 2015 ވަނަ އަހަރު އިއުލާން ނުކޮށް ބައިބަޔަށް ބަހާލައިގެން 1.4 މިލިއަން ރުފިޔާގެ ތަކެއްޗާއި ހިދުމަތް ހުޅުމާލެ ހޮސްޕިޓަލާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލު އަދި އައިޖީއެމްއެޗްއިން ހޯދާފައިވާކަން ވަނީ ފާހަގަވެފައެވެ.
އޭގެ އިތުރުން ތަކެތީގެ އަގާއެކު މަސައްކަތުގެ އަގު 1.5 މިލިއަން ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯދާނީ، އެ މަސައްކަތަކާބެހޭ ކުރެހުންތަކާއި ތަފްސީލުތައް ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކަމަށް މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވީ ނަމަވެސް ޓެންޑާއަށް ހުށަހެޅުމަކާ ނުލައި ބައިބަޔަށް ބަހާލައިގެން ޖުމްލަ 10.6 މިލިއަން ރުފިޔާގެ ތަކެތި 2015 ވަނަ އަހަރު އައިޖީއެމްއެޗްއަށް ގަނެފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.