08 Sep 2011, 11:48
މިސީޒަނުގެ ޕްރެމިއާ ލީގު ތައްޓަށް ފަހެއް ނޫނީ ހަ ޓީމު ވާދަކުރާނެ ކަމަށް ބެލެވޭ ކަމުގައި މިދިޔަ ސީޒަނުގެ ޗެމްޕިއަން ކުލަބު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ. ފާގަސަން މިހެން ބުނެފައިވާއިރު، މިސީޒަނުގައި ގަދަ ހައެއްގައި ހިމެނޭނެ ކަމަށް ބެލެވޭ އާސެނަލްއާ ޓޮޓެންހަމް އަށް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވެ އެވެ.
މިދިޔަ ސީޒަނުގެ ގަދަ ހަތަރެއްގައި ނުހިމެނުނު ޓޮޓެންހަމް އާއި ލިވަޕޫލް މިސީޒަނުގައި ގަދަ ހަތަރެއްގައި ހިމެނުމަށް ވަރަށް ބޮޑަށް ވާދަކުރާނެ ކަމަށް މި ސީޒަނު ފެށުމުގެ ކުރިން ބުނެފައިވެ އެވެ. މިސީޒަނުގައި ލިވަޕޫލުގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން ދިޔަ ނަމަވެސް ޓޮޓެންހަމް ލީގުގައި ކުޅުނު ދެމެޗުންވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.
"އަހަރެންނަށް ހީވަނީ މިސީޒަނުގެ ތައްޓަށް ފަހެއް ނޫނީ ހަޓީމު ވާދަކުރާނެހެން. އަބަދުވެސް ލީގު ހޯދަން ވެފައިވަނީ އުނދަގޫ ކަމަކަށް. ލީގަށް ބަލާއިރު އުތުރުން އެންމެ ވާދަވެރިވާނީ އާސެނަލް، ޓޮޓެންހަމް އަދި ޗެލްސީ. ދެކުނުގެ ވާދަވެރި ކަމެއް ފެނިގެން ދާނީ މެންޗެސްޓާ ސިޓީ، ލިވަޕޫލް އަދި އަހަރެންގެ ޓީމު. މިއީ ހަގީގަތުގައި ވެސް ކާމިޔާބުކުރަން ވަރަށް އުނދަގޫ ލީގެއް." މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ފާގަސަން ބުންޏެވެ.
ތަށި ދިފާއުކުރުމަށް މެންޗެސްޓާ ނުކުމެފައިވާއިރު މިސީޒަނުގެ ފޭވަރިޓުންގެ ގޮތުގައި ވެސް އެޓީމު ބެލެވެ އެވެ. މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ޒުވާން ކުޅުންތެރިންގެ ބޭނުން ތެރިކަން ވަރަށް ބޮޑަށް ހިފަމުންނެވެ.
"ޒުވާން ކުޅުންތެރިންގެ ބޭނުން ހިފައި އަބަދަވެސް ޓީމު އިތުރަށް ވަރުގަދަ ކުރެވޭތޯ ބަލަން ޖެހޭނެ. އަހަރެމެންނަށް ކާމިޔާބީ ލިބެމުންދާ އެއް ކަމަކީ މީ." ފާގަސަން ބުންޏެވެ.
ލީގުގެ ދެވަނާގައިވާ މެންޗެސްޓާ ސިޓީ އާއި ގޯލެއްގެ ތަފާތުން އެއްވަނާގައި ވަނީ މެންޗެސްޓާ ޔުނައިޓެޑެވެ. މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ތިން މެޗުންވެސް މޮޅު ވެފައިވާއިރު އެންމެ ފަހުން އެޓީމު އާސެނަލް އާއި ދެކޮޅަށް ކުޅެ މޮޅުވީ 8-2 ލަނޑުންނެވެ.