06 Jun 2018, 14:45
ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯ ސައިޓުގައިި އިއްޔެ ހުޅުވައިފިއެވެ.
އިންޑަސްޓްރިއަލް ވިލެޖުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޕްލާސްޓިކް ރިސައިކަލް ކުރާ ލެބް ހުޅުވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަތު ތޯރިގު އިބްރާހިމްއެވެ.
ވެމްކޯގެ މާކެޓިން އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެމުން ވިދާޅުވީ މިއީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕާލޭ" އާ ގުޅިގެން ހުޅުވި ލެބެއް ކަމަށެވެ.

ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެެއް އިންޑަސްޓްރިއަލް ވިލެޖުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ވެމްކޯ
ވެމްކޯއިން ބުނީ އިއްޔެ ހުޅުވި ލެބްގައި ތަފާތު އެކި މެޝިންތަކުން ޕްލާސްޓިކް ރިސައިކަލް ކުރެވިގެންދާނެ ކަމަށެވެ.
"ޕްލާސްޓިކް ހިމުން ކުރުމަށް ފަހު އެއަތަކެތި ހޫނުކޮށް އަދި މޯލްޑްކުރެވޭނެ. ދެން ފޯނުގެ ކަވަރު ފަދަ އެއްޗެތި ވެސް ހެދޭނެ." ވެމްކޯއިން ބުންޏެވެ.
މިއަދު ހުޅުވި ލެބްގައި 100 އާއި 500 ކިލޯގެ އަދަަދަކަށް ޕްލާސްޓިކް ވިރުވައިގެން ތަކެތި އުފެއްދުމުގެ ކުޅަދާނަކަން ލިބިފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ ކުރިއަށް އޮތް ތަނުގައި ޕާލޭއާ ސްކޫލުތަކާ ގުޅިގެން އެކި ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިޔުަމށް ހަމަޖެހިފައިވާ ކަމަށެވެ.