ދޯހާ (ޖޫން 6): ގަތަރު އެއާވޭސް ހިންގޭނީ ހަމައެކަނި ފިރިހެނަކަށް ކަމަށް އެއެއާލައިންގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވި މައްސަލަ ހޫނުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އޭނާ ޗެއާޕާސަންގެ ގޮތުގައި ހުންނަވާ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަންގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ގަތަރު އެއާވޭސްގެ ސީއީއޯގެ މަގާމަކީ "ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ މަގާމެއް" ކަމުން، އެ އެއާލައިން ހިންގޭނީ ހަމައެކަނި ފިރިހެނުންނަށެވެ.

އޭގެ ސަބަބުން އެބައްދަލުވުމުގައި ތިބި ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅުކުރުމުން އަލް ބަކުރު ވަނީ ގަތަރު އެއާވޭސްގެ އިސް މަގާމުތައް އަންހެނުން ފުރަމުންދާ ކަމަށާއި، އެ އެއާލައިނަކީ އަންހެން ޕައިލެޓުންނަށް ފުރުސަތު ދިން މެދުއިރުމަތީގެ ފުރަތަމަ އެއާލައިންކަން ފާހަގަކުރައްވާފައެވެ. އަދި އޭނާ ވަނީ ސީއީއޯގެ މަގާމަށް އަންހެނަކު ތަމްރީނުކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފައެވެ.

އެބައްދަލުވުމަށްފަހު ވެސް އަލް ބަކުރަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. އޭގެ ސަބަބުން އޭނާ ވަނީ މައާފަށް އެދިވަޑައިގެން، އެއާލައިންގެ ސީއީއޯކަން އަންހެނަކަށް ނުކުރެވޭނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވީ "ޖޯކެއް"ގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުވެސް އޭނާއަށް ވަނީ އެފަދަ ބަސްފުޅަކާ ގުޅިގެން މައާފަށް އެދިވަޑައިގަންނަން ޖެހިފައެވެ. އެގޮތުން އޭނާ ވަނީ އެމެރިކާގެ ކެބިން ކުރޫއިންނަކީ "މާމަ"ތަކެއްގެ ގޮތުގައި ސިފަކުރައްވައި، އެއާ އަޅާ ބަލާއިރު ގަތަރު އެއާވޭސްގެ ކެބިން ކުރޫއިންގެ އެވަރެޖް އުމުރަކީ 26 އަހަރު ކަމަށް ވިދާޅުވެފައެވެ.

(ބީބީސީ)