06 Jun 2018, 14:05
ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ދާ ދިވެހިން އިންޑިއާއަށް ވަންނަން ހުއްދަ ނުދިނުމަކީ ދެރަ ކަމެއް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް ބޭސްފަރުވާއަކަށް ދިއުމުން އެ ގައުމަށް ވަނުމުގެ ހުއްދަ ނުދިން މައްސަލަ ވަނީ ހޫނުވެފައެވެ. އެކަމާ އިދިކޮޅު ގިނަ ފަރާތްތަކުން ވަނީ ނިހާނަށް ހަޖޫ ޖަހާފައެވެ. އަދި އިންޑިއާއަށް ވަންނަން ނިހާނަށް ފުރުސަތު ނުދިނީ ސަރުކާރަށް ފިޔަވަޅު އެޅުމަށް ކަމަށް ދަނީ ބުނަމުންނެވެ.
އިދިކޮޅު ފަރާތްތަކުން އެގޮތަށް ވާހަކަދައްކަމުން ދަނިކޮށް ޝަރީފު ވަނީ ނިހާނަށް ދިމާވި ކަމަކީ ދެރަކަމެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. ޝަރީފު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި އިންޑިއާގެ އޮފިޝަލަކާ މެދު އެފަދަ ފިޔަވަޅެއް އަޅަން ނުކެރޭނެތީ އެކަހަލަ ކަންކަން ކުރަމުންދާ ކަމަށެވެ.
"ކޮންމެ މީހަކަސް ބަލިވެގެން ބޭހަށް ދިޔައިމަ ސިޔާސީ ހަސަދަގަނޑެއް ފިލުވާލުމަށް މިފަދަ ހުތުރު ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ޝަރީފު ވިދާޅުވިއެވެ.
ނިހާނު ރޭ ވިދާޅުވީ އިންޑިއާގެ ޗެންނާއީއަށް ވަންނަން އޭނާ ދިޔައީ ބޭސްފަރުވާއަކަށް ކަމަށެވެ. އަދި ޗެންނާއީ އެއާޕޯޓުގައި ހަތަރު ގަޑިއިރު ބެހެއްޓުމަށް ފަހު ސަބަބެއް ނާންގާ ވަންނަ ފުރުސަތު ނުދިން ކަމަށް ވިދާޅުވިއެވެ.