ވޮޝިންޓަން (ޖޫން 6): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބައްދަލުވުން ބާއްވާނީ ސިންގަޕޫރުގެ ޖަޒީރާއެއް ކަމަށްވާ ސެންޓޯސާގައި ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސޭރާ ސޭންޑާސް ކުރެއްވި ޓުވީޓެއްގައިވާ ގޮތުން މިމަހުގެ 12ގައި ޓްރަމްޕާއި ކިމްގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ ސެންޓޯސާގެ ކަޕެލާ ހޮޓެލުގައި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެބައްދަލުވުމަށް ސެންޓޯސާ ޖަޒީރާ ހިޔާރު ކުރީ ސަލާމަތީ ސަބަބުތަކާ ހެދި އެވެ. އެގޮތުން ސެންޓޯސާއަށް ދެވެނީ ހަމައެކަނި ކޭބަލް ކާރަކާއި މޮނޯރޭލަކާއި ކޯސްވޭއަކާއި ޓަނަލަކުން ކަމުން، އެމަގުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން ފަސޭހަވާނެ އެވެ.

ސިންގަޕޫރުން އިއްޔެ ވަނީ ކަޕެލާ ހޮޓެލުގެ ވަށައިގެންވާ ސަރަހައްދަކީ ހާއްސަ ސެކިއުރިޓީ ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައި އެވެ. އަދި އެސަރަހައްދުގައި ޑްރޯން އެރުވުމާއި ހަތިޔާރު ގެންގުޅުން މަނާކޮށް، އެސަރަހައްދަށް ވަންނަ މީހުން ފާސް ކުރެވޭނެ ކަމަށް ބުނެފަ އެވެ.

ޓްރަމްޕާއި ކިމްގެ ސަމިޓު ވާނީ އެމެރިކާގެ ރައީސަކާއި އުތުރު ކޮރެއާގެ ލީޑަރެއްގެ ފުރަތަމަ ބައްދަލުވުމަށެވެ. (ބީބީސީ)