ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ]ރެޑް ވޭވް ސަލީމް[ގެ މައްޗަށް އުފުލާފައިވާ ޖިނާއީ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރު ނުވެދާނެތީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. އެ މައްސަލަ މިއަދު ކޯޓުން ބޭރުކޮށްލި އިރު، ރެޑްވޭވް ސަލީމްގެ ޕާސްޕޯޓް މިހާރު ވަނީ ދޫކޮށްފަ އެވެ.
ސަލީމް ޕާސްޕޯޓް މައްސަލަ ހައި ކޯޓަށް ވެއްދީ އޭނާއާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ ދަށު ކޯޓްގައި ކުރާ ދައުވާއާ ގުޅިގެންނެވެ. އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ޕީޖީން ކޯޓްގައި އެދުމުން، ޖޫން 23، 2010ގައި ސަލީމްގެ ފާސްޕޯޓް ކޯޓުން ވަނީ ހިފަހައްޓާފަ އެވެ. ދަށު ކޯޓުން ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލީ ކޯޓުގެ ޝަރީއަތަށް ރެޑްވޭވް ސަލީމް ހާޒިރު ނުވުމުންނެވެ.
ސަލީމްގެ މައްޗަށް ޕީޖީން ދައުވާ ކުރަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އިރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖައިޒް ފައިދާ ހޯދައިދިން ކަމުގެ ދައުވާ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ )ހ(ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިސާއެއް ހޯދައިދިނުމުގެ ދައުވާގައި ސަލީމް ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ވިދާޅުވެފައި ވަނީ އޭނާ އެ މަގާމުގައި ހުންނެވި އިރު ފައިސާ ދޫނުކުރައްވާ ކަމަށާއި އެ ފައިސާ ދޫކޮށްފައި ވަނީ 2003 ވަނަ އަހަރު އެޓޯލްސް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަމީދު ކަމަށެވެ.