06 Jun 2018, 10:19
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް އުފައްދަން ނިންމައިފައިވާ ފިލްމުގެ ލީޑު ރޯލަށް ބޮލީވުޑްގެ ކުޅާދާނަ އެކްޓަރު ޕަރޭޝް ރާވަލް ހަމަޖައްސައިފިއެވެ.
އެ ޕްރޮޖެކްޓު އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް ފިލްމާ ގުޅޭ މާ ގިނަ ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޕަރޭޝް މިވަނީ ފިލްމުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ވާހަކަ ދައްކައިފައެވެ.
އިންޑިއަން އެކްސްޕްރެސް ނޫހަށް ދިން އިންޓަވިއުއެއްގައި ޕަރޭޝް ބުނީ މިހާރު ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، އަންނަ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު މަހު ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށެވެ.
ނަރެންދުރަ މޯދީގެ ބަޔޮޕިކް އާ ގުޅޭގޮތުން ޕަރޭޝް ބުނީ މޯދީގެ ރޯލު އަދާކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، ނަމަވެސް ފިލްމަށް އޭނަގެ 100 ޕަސެންޓު ދޭނެ ކަމަށެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން އެ ފިލްމު ޕްރޮޑިއުސް ވެސް ކުރާނީ ޕަރޭޝްއެވެ. ޕަރޭޝް އެންމަ ފަހުން ޕްރޮޑިއުސް ކޮށްފައި ވަނީ "އޯއެމްޖީ އޯ މައި ގޯޑް" އެވެ.
މިއީ ޕަރޭޝް ބަޔޮޕިކް އަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެއް ނޫނެވެ. ޕަރޭޝް ވަނީ 1994 ވަނަ އަހަރު ސަރްދާރު ވައްލާބާއީގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމުގައި ސަރްދާރުގެ ރޯލުން ފެނިގެން ގޮސްފައެވެ.
ޕަރޭޝް އަކީ ސަރުކަރު ހިންގާ ބީޖޭޕީގެ ލީޑަރެއްގެ އިތުރުން މަޖިލިސް މެމްބަރެކެވެ. އެހެންކަމުން ޕަރޭޝް އަކީ މޯދީގެ ރޯލަށް އެންމެ ރަނގަޅު މީހާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޕަރޭޝް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށްފައިވާ ފިލްމު "ސަންޖޫ" އިންނެވެ. "ސަންޖޫ" ގައި ޕަރޭޝް ފެނިގެންދާނީ ސަންޖޭ ދަތުގެ ބައްޕަ، ސުނިލް ދަތުގެ ރޯލުންނެވެ.