06 Jun 2018, 10:53
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްް ފަހު ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ރާނީ މުކަރްޖީ ފެނިގެންދިޔަ ފިލްމު "ހިޗްކީ" ޝަންހާއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (އެސްއައިއެފްއެފް)ގައި ދައްކަން ނިންމައިފިއެވެ.
ޑައިރެކްޓަރު ސިދާރްތު މަލޯތުރާގެ އެ ފިލްމު ޝަންހާއީ ފިލްމު ފެސްޓިވަލުގައި ދައްކާނީ މި މަހުގެ 16 ވަނަ ދުވަހު، ފެސްޓިވަލް ފެށުމުގެ ބައެއްގެ ގޮތުންނެވެ.
ފެސްޓިވަލް އިންތިޒާމު ކުރާ ފަރާތުން "ހިޗްކީ"އަށް އެ ފުރުސަތު ދިނުމުން ސިދާރްތު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
ސިދާރްތު ބުނީ އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އަދި ހިތްވަރެއް ކަމުގައެވެ. "ހިޗްކީ"ގައި ރާނީ ފެނިގެން ގޮސްފައި ވަނީ ނައިނާ މާތުރު ކިޔާ، ނާރުގެ ބައްޔެއް ހުންނަ ޓީޗަރެއްގެ ރޯލުންނެވެ.
ފިލްމުން ފެނިގެންދާނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ އަންހެނަކު އޭނާގެ ހުވަފެން ފުރިހަމަ ކުރާ މަންޒަރެވެ. ރާނީ އަށް ޖެހިފައިވާ އެ ބައްޔަކީ ކުރިން އޭނާގެ ބަލިފައެވެ. ކެތްތެރިކަމާ އެކީ އޭނާގެ ހުވަފެން ކާމިޔާބު ކުރުމަށް ރާނީ ކަންތައްތަކަށް ކުރިމަތިލައި ކާމިޔާބު ހޯދާތަން ފިލްމުން ފެނިގެންދެއެވެ. ދަތި އުނދަގޫ ކަންތައްތައް ކަޑައްތު ކޮށް ކުރީގެ އޭނާގެ ބަލިފައި (އޭނާ އަށް ޖެހިފައި ހުރި ބަލި) އޭނާގެ އެންމެ ވަރުގަދަ ހަތިޔާރަށް ވެގެންދާ މަންޒަރު ވެސް ފިލްމުން ދައްކުވައިދޭނެއެވެ.
ފިލްމުގައި ރާނީގެ އިތުރުން ހަރަކާތްތެރިވާނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމް އެވެ. "ހިޗްކީ" އަކީ ފެމެލީ ޑްރާމާ އެކެވެ.
މާޗު މަހު ރިލީޒް ކުރި އެ ފިލްމަށް ބޮކްސްއޮފީހުގައި އެކަށީގެންވާ ރަނގަޅު ކާމިޔާބެއް ވަނީ ލިބިގެން ގޮސްފައެވެ.