ތިން ޓީވީ ނެޓްވޯކަކުން ލައިވްކޮށް، ވަތަނިއްޔާ އާއި ރިސާޗް މޯޝަން ]ރިމް[ ގުޅިގެން ރާއްޖެ އަށް ބްލެކްބެރީގެ ޚިދުމަތް ފުރަތަމަ ފަހަރަށް ރޭ ތަޢާރަފް ކޮށްފި އެވެ.

ނެޝެނަލް އާޓްގެލަރީގައި ރޭ އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ބްލެކްބެރީގެ ޚިދުމަތް ތަޢާރަފް ކޮށްދެއްވީ ރިމް އާއި ވަތަނިއްޔާގެ އިސްބޭފުޅުން ނެވެ.

ބްލެކްބެރީ ފޯނާ ބެހޭ ގޮތުން ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރަޢީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށް ވެފައި މިފަދަ ޚިދުމަތެއް ތައާރަފް ކުރުމުން ބްލެކްބެރީ ރާއްޖޭގައި ހިނގާނެ ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު ޚިދުމަތެއް ކަމަށް ވިދާޅުވެ އެކަމުގައި އުޅުއްވާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

ވަތަނިއްޔާ އިން ތަޢާރަފް ކުރި ބްލެކްބެރީގެ ޚިދުމަތާ ގުޅޭ ގޮތުން އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ސްޓެފަން ސްމިތު ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި ބްލެކްބެރީގެ އިތުރު ޕްރޮޑަކްޓްތައް ވެސް ރާއްޖެ އަށް ތަޢާރަފްކޮށް ކަސްޓަމަރުން އުއްމީދު ކުރާ އުފެއްދުންތައް ގެނެސްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ފަޚްރެއް ކަމަށް ވެސް ސްޓެފަން ވިދާޅުވި އެވެ.

"ރިމްއާ އެކު މިއަދު މި ފެށުނު ޕާޓްނާޝިޕްގެ ދަށުން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ބްލެކްބެރީގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފްކުރެވޭތީ އަޅުގަނޑުމެން ފަޚްރުވެރިވަން. ޚިދުމަތް ބޭނުން ކުރައްވާ ފަރާތްތަކަށް ބްލެކްބެރީ އަކީ އެމީހުން ފޯނުން ކުރާ މުޢާމަލާތްތައް ރައްކާތެރިކޮށްދޭ ޚިދުމަތެއް،" ސްޓެފަން ވިދާޅުވި އެވެ.

ވަތަނިއްޔާ އިން ބުނީ ބްލެކްބެރީގެ ޚިދުމަތް ބޭނުން ކުރެވޭނީ ހަމައެކަނި ވަތަނިއްޔާގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލާ ހަމައަށް 100 މިލިއަން ފޯނު ވިއްކާފައިވާ ބްލެކްބެރީ ޚިދުމަތުގެ ސަބަބުން ވަތަނިއްޔާގެ ކަސްޓަމަރުން ފޯނުން ކުރާ މުޢާމަލާތް މިނިވަންވެފައި ރައްކާތެރިވާނެ ކަމަށް ވަތަނިއްޔާ އިން ބުންޏެވެ.
ރޭގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން އޮފީސްތަކުގެ އިސްވެރިން ބައިވެރިވެފައިވެ އެވެ.

ގަތަރު ޓެލެކޮމް، ކިއުޓެލްގެ ސަބްސިޑަރީ ކުންފުނި ވަތަނިއްޔާ އިން ވަނީ މިދިޔަ މަހު ތެރޭ އެރިކްސަންއާ އެކު އެންމެ ފަހުގެ ބިލިން ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ދުނިޔޭގެ އެއްވަނަ ސާޗް އިންޖީން ކަމަށްވާ ގޫގުލްއާ އެކު ޖީމެއިލް އެސްއެމްއެސް ޚިދުމަތް ވެސް ތަޢާރަފްކޮށްފަ އެވެ.