ނިމިދިޔަ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަކުރި މެޗުގައި މުހައްމަދު ސަލާހަށް ލިބުނު އަނިޔާއާ ގުޅިގެން، ސްޕެއިން އަދި ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ރާމޯސްއާއި ސަލާހާ ދެކުޅުންތެރިން ޖެހި، ދަނޑު މައްޗަށް ވެއްޓުނު ގޮތަކުން ސަލާހްގެ ކޮނޑު ހުޅަށް އަނިޔާ ލިބިފައިވާ އިރު، އޭނާއަށް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެވުނީ އެންމެ 30 ވަރަކަށް މިނެޓުގައެވެ.

މި ސީޒަންގައި ރަނގަޅު ފޯމެއް ދައްކަމުން އަންނަ ސަލާހަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ ބަޔަކު ބުނެފައި ވަނީ ރާމޯސް ގަސްދުގައި ސަލާހަށް އަނިޔާ ދިނީ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގިނަ ސަޕޯޓަރުން ސޮއިކޮށް ޕެޓިޝަނެއް ހަދާފައިވާ އިރު، ސޯޝަލް މީޑިއާގައި ރާމޯސްއަށް އަމާޒުކޮށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. ހާއްސަކޮށް މިސްރުގެ ރަތްޔިތުންގެ ނުރުހުން ރާމޯސްއަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ އިރު، މިސްރުގެ ގާނޫނީ ވަކީލަކު ވަނީ ރާމޯސް ކިބައިން ސަލާހަށް ލިބުނު އަނިޔާގެ ބަދަލު ހޯދަންވެސް ހުށަހަޅައިފައެވެ.

އަނިޔާއިން ރަނގަޅުވެ މިސްރާއެކު ވޯލްޑް ކަޕަށް ދިޔުމަށް ސަލާހް ތައްޔާރުވަމުންދާ އިރު، ރާމޯސްގެ އިތުރު ވާހަކަތަކެއް އަނެއްކާވެސް މީޑިއާއަށް ތިލަ ވެއްޖެއެވެ.

ލިވަޕޫލްގެ ކީޕަރު ލޮރިސް ކެރިއަސްގެ ފަރާތުން ފައިނަލް މެޗުގައި ދެ ގޯހެއް ފެނިފައިވާ އިރު، ޑޮކްޓަރުންގެ ޓީމަކުން ބުނެފައި ވަނީ މެޗުގެ ފަހު ހާފްގައި ކެރިއަސްގެ ބޮލުގައި ބާރަށް ޖެހުމުގެ ސަބަބުން ސިކުނޑިއަށް އަސަރުކޮށްފައިވާ ކަމަށެވެ. އެރޭގެ މެޗުގައި ކެރިއަސްގެ ފަރާތުން ފުރަތަމަ ގޯސް ފެނުނީ ރާމޯސް އޭނާ ގައިގައި ޖެހި ވެއްޓުމުގެ އިރުކޮޅެއް ފަހުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ ކީޕަރަށް ހެދުނު ގޯހަކީވެސް ރާމޯސްގެ މައްސަލައެއް ކަމަށެވެ.

"އަހަންނަށް މިހާރު މަދުވާ އެއްޗަކީ، އަހަރެންގެ ދާތިއްކެއް ވެއްޓި ފިރްމީނޯ ރޯގާ ޖެހުނޭ ބުނާ ބުނުން،" ރާމޯސް އޭނާއަށް ފާޑުކިޔާ މީހުންނަށް ބުންޏެވެ.

ސަލާހްގެ އަނިޔާއާ ގުޅިގެން ރާމޯސް ބުނީ، ސަލާހަށް އަނިޔާވީ އޭނާގެ ގޯހުން ނޫން ކަމަށެވެ. ސަލާހްގެ އަމިއްލަ ގޯހަކުން ކަމަށެވެ.

"ސަލާހްގެ އަނިޔާއާ ގުޅިގެން މާ ބޮޑަށްވެސް ސަމާލުކަން ހޯދައިފި. ރަނގަޅަށް ބަލާލީމަ ފެންނާނެ، ސަލާހް އަހަރެން އަތުގައި ހިފައިގެން ވެއްޓުނީމަ އޭނާއަށް އަނިޔާވީ. ސަލާހަށް މެޗު ފުރިހަމަ ކުރެވުނީސް ތަދު ކަނޑުވާ އިންޖެކްޝަނެއް ޖަހާލި ނަމަ،" ރާމޯސް ބުންޏެވެ.

ސަލާހަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ސްޕެއިންގައި އިތުރު ފަރުވާ ހޯދައިފައިވާ އިރު، މިސްރުގެ އެފްއޭއިން ބުނެފައި ވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސަލާހް ފެންނާނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.