ޝަކްތާރު ޑޮނެސްކަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް، އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށް އެއްބަސް ވެއްޖެއެވެ.

އުމުރުން 25 އަހަރުގެ ފްރެޑް ވަނީ މި މަހު ރަޝިޔާއަށް ދާ ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑުގަވެސް ހިމެނިފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ފްރެޑް ގެންދަން އެއްބަސްވީ 47 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޝަކްތާރު ޑޮނެސްކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފްރެޑް މިވަގުތު ބްރެޒިލް ގައުމީ ޓީމާއެކު ފަރިތަކުރަމުންދާ އިރު، ބްރެޒިލުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައިވެސް އޭނާ ކުޅެފައިވެއެވެ.

ފްރެޑްގެ އިތުރުން ޕޯޓޯގެ ޑިފެންޑަރު ޑިއޭގޯ ޑަލޮޓް ގެންދިއުމަށްވެސް ޔުނައިޓެޑުން ދަނީ ތައްޔާރުވަމުންނެވެ. އުމުރުން 19 އަހަރުގެ ޑިފެންޑަރު ޑަލޮޓްގެ ރިލީސް ފީ ކަމަށްވާ 17.4 މިލިއަން ޕައުންޑުގެ އަގެއް ދިނުމަށް ޔުނައިޓެޑުން އެއްބަސްވެފައިވާ އިރު، ބެލެވޭ ގޮތުގައި މި ހަފްތާ ތެރޭގައި އޭނާވެސް ޔުނައިޓެޑަށް ސޮއިކުރާނެއެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ހުޅުވިފައިވާ އިރު، އާސެން ވެންގާއާ ނުލާ، އާ ފެށުމަކަށް ތައްޔާރުވަމުން އަންނަ އާސެނަލުންވެސް ވަނީ މި ޓްރާންސްފާ ސީޒަންގެ ފުރަތަމަ ޓްރާންސްފާ ފުރިހަމަކޮށްފައެވެ.

ކުރިން ޕީއެސްޖީގެ ކޯޗުކަން ކުރި އުނައި އެމެރީގެ އިރުޝާދާއެކު އަންނަ ސީޒަނަށް ނުކުންނަ އާސެނަލުން ފުރަތަމަ ކުޅުންތެރިއެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ ޔުވެންޓަސްއަށް ކުޅެމުން އަންނަ ފުލްބެކް ސްޓިފަން ލިޗްސްޓެއިނާއެވެ.

އުމުރުން 34 އަހަރުގެ ލިޗްސްޓެއިނާ ވަނީ މިދިޔަ ހަތް އަހަރުވެސް ޔުވެންޓަސްއާއެކު އިޓަލީގެ ލީގު ކާމިޔާބުކޮށްފައެވެ. ސްވިޒަލޭންޑަށް 99 މެޗު ކުޅެދީފައިވާ ލިޗްސްޓެއިނާ މިވަގުތު ތައްޔާރުވަމުންދަނީ ގައުމީ ޓީމާއެކު ވޯލްޑް ކަޕަށް ދިއުމަށެވެ. އޭނާ އަކީ ސްވިޒަލޭންޑް ގައުމީ ޓީމުގެ ކެޕްޓަނެވެ.