އެމްޑަބްލިއުއެސްސީގެ މައި ފެން ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ވަގުތީގޮތުން ފެނުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ވިއުގައިގެ އެމެޖެންސީ މަރާމާތުތަކެއް ބޮޑުތަކުރުފާނު މަގު މާލެ ޖަލު ހިމެނޭ ސަރަހައްދުގައި ކުރަމުން ދަނިކޮށް އެ ކުންފުނީގެ މެއި ފެން ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ވަގުތީގޮތުން ފެނުގެ ހިދުމަތް މެދުކެނޑިދާނެ މާލޭގެ ސަރަހައްދުތައް:

  • އަމީނީ މަގާއި މޫންލައިޓް ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 25

  • އަމީނީ މަގާއި ރަތްވިލާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 54
  • އަމީނީ މަގާއި ޖަނަވަރީ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55
  • އަމީނީ މަގާއި އިރުދޭމާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55
  • ބޮޑުތަކުރުފާނު މަގު ހިމެނޭ ބްލޮކް ނަންބަރު 348، 352، 357 އަދި 358
  • ބޮޑުތަކުރުފާނު މަގާއި މޫނިމާ ހިނގުން ހިމެނޭ ބްލޮކް ނަންބަރު 347 އަދި 346

އެމްޑަބްލިއުއެސްސީން ބުނީ މައި ފެން ހޮޅިއަށް ލިބިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި އެ ކުންފުނީގެ ޓެކްނިކަލް ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ފަތިހު ފަހެއް ޖެހުމުގެ ކުރިން މައްސަލަ ހައްލުކޮށް އެ ސަރަހައްދުތަކަށް ފެނުގެ ހިދުމަތް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށްޓަކައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީގެ ފަރާތުން މައާފަށް އެދެއެވެ.

ފެނުގެ ވިއުގައިގެ މަސައްކަތެއް ކުރުމަށް މިރޭ ބައެއް ސަރަހައްދުތަކުން ފެން ކެނޑިދާނެ ކަމަށް ކުރިން އެމްޑަބްލިއުއެސްސީން އެންގި ނަމަވެސް، ފަހުން އެ މަސައްކަތް ނުކުރާގޮތަށް ވަނީ ނިންމައިފައެވެ. އަނެއްކާވެސް އެމްޑަބްލިއުއެސްސީން އެ މަސައްކަތްކުރަން ނިންމީ އެމަޖެންސީ މަސައްކަތެއްގެ ގޮތުގައެވެ.