ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ އިނގިރޭސިވިލާތަށާއި ކެނެޑާއަށާއި ފްރާންސަށާއި އަދި ސްވިޓްޒަލަންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރޭ ފަށްޓަވައިފި އެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ޚަބަރުފަތުރާ ވަސީލަތްތަކަށް މިދަތުރުފުޅާގުޅޭ ގޮތުން މަޢްލޫމާތު ދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، މޫސުމަށް އަންނަމުންދާ ބަދަލުތަކާގުޅޭ ގޮތުން އަޔަރލޭންޑުގެ ކުރީގެ ރައީސާ މޭރީ ރޮބިންސަން ބާއްވަވާ ބައްދަލުވުމެއްގައި ޝަރަފުވެރި މެހްމާނުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކެނެޑާއަށް ކުރައްވާ ދަތުރުފުޅަކީ، ޓޮރޮންޓާގައި މިހާރު ކުރިއަށްދާ ބައިނަލްއަޤްވާމީ ފިލްމް ފެސްޓިވަލްގައި ރާއްޖެއާ ބެހޭ ޑޮކިއުމެންޓްރީ ފިލްމެއް އެޅުވުމަށް ހަމަޖެހިފައިވާތީ، އެ ފިލްމު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިރަސްމިއްޔާތުގައި، ދުނިޔޭގެ ތިމާވެށީގެ ޙިމާޔަތުގަޔާއި އެކަމާ ގުޅޭ އަދަބީ އަދި ފަންނީ ރޮނގުތަކުގައި ބައިނަލްއަޤްވާމީ ގޮތުން ނަންހުރި ބައެއް ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ފަރަންސޭސިވިލާތަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި، ފަރަންސޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާއި ބައެއް ވަޒީރުންނާ ބައްދަލުކުރައްވައި ރާއްޖެއަށް ފަރަންސޭސިވިލާތުން ތަރައްޤީގެ އިތުރު އެހީތައް ހޯއްދެވުމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ޖެނީވާއަށް ކުރައްވާ ދަތުރުފުޅުގައި އިންސާނީ ޙައްޤުތަކާބެހޭ އ.ދ.ގެ ޖަމްޢިއްޔާއިން ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވާނެ އެވެ.