08 Sep 2011, 09:11
ދިމިޝްޤު (ސެޕްޓެމްބަރ 8) : ސޫރިޔާގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ މުޒާހަރާތަކާ ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ވެސް 34 މީހަކު މަރުވެފައިވާ ކަމަށް ޚަބަރު ލިބިއްޖެވެ.
ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު އެކްޓިވިސްޓުން ބުނި ގޮތުގައި ބައްޝާރުގެ ބާރުތަކުން ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ވެސް ވަނީ ޙިއްމުސް އާއި ޙަމާގެ އިތުރުން ބައެއް ވިލެޖްތަކުގައި ހަތިޔާރުނެތް އާންމުންނާ ދެކޮޅަށް ޤަތްލު ޢާންމުތައް ހިންގައި 34 މީހަކު މަރާލާފައެވެ.
މަރާލި މީހުންގެ ތެރޭގައި ހަތް އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭކަމަށް އެކްޓިވިސްޓުންނާ ޙަވާލާދީ ރޮއިޓާސް ބުނެއެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތައް ތަމްޘީލްކުރާ ޖަމާއަތުން ބުނާގޮތުން ބައްޝާރުލްއަސަދްގެ ބާރުތަކުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުންކުރަމުން ގެންދާ ހަތިޔާރުތަކުގެ ތެރޭގައި ޓޭންކްވެސް ހިމެނެއެވެ. އަދި ބައްޝާރުގެ ބާރުތަކުން ގެންދަނީ ގެދޮރާއި މިސްކިތްތަކުގެ ޙުރްމަތްވެސް ކަނޑައި އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ވެސް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގަމުންނެވެ.
މިދިޔަ މާޗް މަހުން ފެށިގެން ބައްޝާރުލްއަސަދްގެ ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މުޒާހަރާތަކުގައި މިހާތަނަށް 2500 އެއްހާ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އަޒުމަކަށް ގުޑުމެއްނާދެ އެވެ. ސޫރިޔާ ސަރުކާރުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގާ މިޖަރީމާތައް ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލިސް ވެސް ވަނީ ނުކުޅެދިފަ އެވެ. (ރޮއިޓާސް+އަލްޖަޒީރާ)