05 Jun 2018, 15:33
ކުއަލަލަމްޕޫރު (ޖޫން 5): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަނުގެ މައްސަލަތަކުން، ނަޖީބުގެ ބައެއް ވަކީލުން ތަނާޒުލުވެއްޖެއެވެ.
ވަންއެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައިގައި ނަޖީބު ތަމްސީލުކޮށްދެއްވާ ވަކީލެއް ކަމަށްވާ އެމް ޕުރަވަލެން ވިދާޅުވީ، އެ މައްސަލައިން އޭނާ ތަނާޒުލުވީ މިއަދު ކަމަށެވެ. އަދި އެ މައްސަލައިގައި ނަޖީބާއި އަނބިކަނބަލުން ތަމްސީލުކޮށްދެއްވާ ދެވަނަ ވަކީލެއް ކަމުގައިވާ ޔޫސުފް ޒައިނުލް އާބިދީންވެސް މައްސަލައިން ތަނާޒުލުވެފައިވާކަން އޭނާ އިއުލާނު ކުރެއްވިއެވެ.
ދަ މެލޭޝިއަން އިންސައިޓުގައިވާ ގޮތުން އެ ދެ ވަކީލުންނާއި ނަޖީބުގެ ލީގަލް ޓީމުގެ އިތުރު ބައެއް މެމްބަރުންވެސް މައްސަލަ ދޫކޮށްލަން ނިންމީ، ބައެއް ކަންކަމާ ބެހޭގޮތުން ނަޖީބާއެކު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުންނެވެ.
ވަންއެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ މިއަދު ނަޖީބުގެ އަނބިކަނބަލުން، ރޮސްމާ މަންސޫރާ ސުވާލުކޮށްފައެވެ.
ރޮސްމާ އެކޮމިޝަނަށް ހާޒިރު ކުރީ ނަޖީބާ ގުޅުން ހުރި އެޕާޓްމެންޓުތަކުން 27.6 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެގައުމުގެ ފުލުހުން ހޯދި ފަހުންނެވެ.
އަދި އެމައްސަލައިގައި ނަޖީބުވެސް ވަނީ މިދިޔަ މަހު ދެ ފަހަރަކު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި ވަންއެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފައެވެ. އަދި އެފަންޑުން ވަނީ 700 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ފައިސާ، ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައި ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން 2015ގައި ތުހުމަތުކުރިއެވެ.
އެމައްސަލައިގައި ނަޖީބުގެ ކުށެއް ނެތް ކަމަށް މެލޭޝިއާގެ ކޯޓަކުން ނިންމި ނަމަވެސް ބޮޑުވަޒީރު މަހާތިރު މުހައްމަދު ވަނީ ވަންއެމްޑީބީ މައްސަލަ އަނެއްކާވެސް ތަހުގީގުކުރަން ނިންމަވައިފައެވެ.
(ރޮއިޓާސް)