05 Jun 2018, 13:53
ވޮޝިންޓަން (ޖޫން 5): އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ)ގައި މީގެ ކުރިން މަސައްކަތް ކުރި މީހަކު ޗައިނާއަށް ޖާސޫސުކޮށްދޭން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
އުމުރުން 58 އަހަރުގެ ރޮން ރޮކްވެލް ހާންސެން ހައްޔަރުކުރީ ޗައިނާއަށް ދާން މަސައްކަތްކުރަނިކޮށް ހޮނިހިރު ދުވަހުގައެވެ.
ޖަސްޓިސް ޑިޕާޓްމެންޓުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން ހާންސެން ވަނީ މީގެ ކުރިން އެމެރިކާ އަސްކަރިއްޔާގައި ވޮރެންޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި އޭގެ ފަހުން ޑީއައިއޭގައި އިންޓެލިޖެންސް ކޭސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
ނަމަވެސް ޑީއައިއޭއިން ވަކިވުމަށް ފަހު އޭނާ ވަނީ ތަކުރާރުކޮށް ސިއްރު މައުލޫމާތު ހޯދަން މަސައްކަތްކޮށްފައެވެ. އަދި 2013 އާއި 2017އާ ދޭތެރޭ އޭނާ ވަނީ ޗައިނާއަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އެގައުމަށް ގިނަ އަދަދެއްގެ ދަތުރުތައް ކޮށްފައެވެ.
އެ މައުލޫމާތުގެ ބަދަލެއްގެ ގޮތުން ޗައިނާއިން އޭނާއަށް 800،000 ޑޮލަރު ދިން ކަމަށްވެސް ޖަސްޓިސް ޑިޕާޓްމެންޓުން ބުންޏެވެ.
އެމައްސަލައާ ގުޅިގެން ހާންސެންގެ މައްޗަށް ވަނީ ގައުމުގެ ދިފާއީ މައުލޫމާތު އެއްކޮށް، ބޭރު ގައުމެއްގެ ސަރުކާރަށް ދޭން މަސައްކަތް ކުރި ކަމުގެ ދައުވާކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ފައިސާއާއި މުދާ ގާނޫނާ ހިލާފަށް ގައުމަށް އެތެރެ ކުރުމުގެ ދައުވާ ފަދަ އިތުރު 15 ދައުވާއެއް ވެސް ކޮށްފައެވެ.
ހާންސެންގެ މައްޗަށް ޖާސޫސުކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އުމުރަށް ޖަލަށް ލާން ހުކުމްކުރުމަކީ އެކަށީގެންވާ ކަމެކެވެ.
(ބީބީސީ)