ރިޔާޒު(ޖޫން 5): ސައުދީ އަރަބިއާގެ އަންހެނުންނަށް އިއްޔެ ޑްރައިވިން ލައިސެންސް ދޫކުރަން ފަށައިފިއެވެ.

ސައުދީ ޕްރެސް އޭޖެންސީގައިވާ ގޮތުން އެގައުމުގެ ޖެނެރަލް ޓްރެފިކް ޑައިރެކްޓަރޭޓުން އިއްޔެ ވަނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ލައިސެންސް އޮންނަ މީހުންނަށް ސައުދީ އަރަބިއާގެ ލައިސެންސް ދޭން ފަށައިފައެވެ. އެގޮތުން އިއްޔެ 10 އަންހެނަކަށް ޑްރައިވިން ލައިސެންސް ދިން ކަމަށް އެނޫހުގައިވެއެވެ.

ސައުދީ އަރަބިއާގެ އަންހެނުންނަށް މިމަހުގެ 24އިން ފެށިގެން ކާރު ދުއްވުމުގެ ހުއްދަ ލިބޭނެއެވެ.

އެގައުމުގެ މިނިސްޓްރީން އޮފް އިންފޮމޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން ކުރިއަށް އޮތް ހަފްތާތެރޭ 2،000 ވަރަކަށް ލައިސެންސް ދޫކުރާނެ ކަމަށް ބެލެވެއެވެ.

ސައުދީ އަންހެނުންނަށް ކާރު ނުދުއްވޭނެ ކަމަށް ބުނެފައިވާ ގަވާއިދު ބަދަލު ކުރަން ނިންމެވިކަން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ސައުދީ އަރަބިއާއަކީ އަންހެނުން ކާރު ދުއްވުން މަނާކޮށްފައިވާ ހަމައެކަނި ގައުމެވެ. (އަލްޖަޒީރާ)