05 Jun 2018, 01:20
އުރުދުންގެ ޓެކްސްގެ ނިޒާމަށް ގެނައި ބަދަލުތަކާއެކު ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ހާނީ މުލްކީ އެންމެ ފަހުން އިސްތިއުފާ ދެއްވައިފިއެވެ.
މުޒާހަރާތަކުގައި ސަރުކާރާ ދެކޮޅު ޝުއޫރުތައް ގަދަވެފައިވާ އިރު، މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން އުރުދުންގެ ފުލުހުން ދަނީ ކަރުނަ ގޭސް ބޭނުންކޮށް މަގުތައް ބަންދުކުރުމުންނެވެ. އެ މުޒާހަރާތަކުގައި ހާނީ އިސްތިއުފާ ދެއްވުމަށް ދިޔައީ ވަރަށް ގަދައަށް ގޮވާލަމުންނެވެ.
ހާނީ އެންމެ ފަހުން އިސްތިއުފާ ދެއްވީ އެގައުމުގެ ރަސްގެފާނު އަބްދުﷲ ބިން އަލް ހުސެއިން، ހާނީއަށް އިސްތިއުފާ ދެއްވުމަށް ބާރުއެޅުމުގެ ސަބަބުންނެވެ.
ބޮޑުވަޒީރުކަމާ ހާނީ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ. އޭނާއަކީ އުރުދުންގެ ކުރީގެ ބޮޑުވަޒީރު ފައުޒީ މުލްކީގެ ދަރިކަލުންވެސް މެއެވެ.
Big Protests are happening in#Jordanover living costs, price of bread, gas, payments... Video from Amman last night shows clashes between protesters and police:pic.twitter.com/E2CM9f1WYy
— Joyce Karam (@Joyce_Karam)June 2, 2018
މިއީ ސިލްސިލާކޮށް އުރުދުންގައި މުޒާހަރާތައް ކުރަމުންދާ ހަތަރުވަނަ ރެެއެވެ. މުޒާހަރާތަކުގައި މިހާތަނަށް 40 ފުލުހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ.
އުރުދުންގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވެ މަގުތަކުގައި އުތުރިއަރާ ގޮތަށް އިޙްތިޖާޖް ކުރަން ފެށީ މުލްކީގެ ސަރުކާރުން ރައްޔިތުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި ޓެކްސްއެއް ނަގާނެކަން އިއުލާން ކުރުމާއެކު އެކަމާބެހޭ ބިލެއް އުރުދުންގެ ޕާލަމެންޓަށް ވެއްދުމުންނެވެ.
އެކަމާ ދެކޮޅަށް މަގުތަކުގައި މުޒާހަރާކުރަން ފަށާފައިވާ ރައްޔިތުން އެދެމުންދިޔައީ އެބިލް އަނބުރާ ގެނައުމަށާއި ބޮޑުވަޒީރު މުލްކީ މަގާމުން ދުރުކުރުމަށެވެ.
އުރުދުންއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ ރައްޔިތުންގެ އަތުން ޓެކްސް ނެގުމުގެ އައު ސިޔާސަތެއް ތައާރަފްކުރަން ނިންމައިފައެވެ. އެ ސިޔާސަތުތައް ބިނާވެފައިވަނީ ޚަރަދުތައް ކުޑަކުރުމާއި، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި، ދަނޑުވެރިކަމާއި ފަތުރުވެރިކަން އިތުރުކުރުމަށާއ،ި ބޭރުގެ އެހީއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މައްޗަށެވެ.