އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު އީގަލްސްއިން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ހަލުވި، އެޓޭކިން ކުޅުމެކެވެ.

އީގަލްސްއިން ވަނީ މެޗުގެ ތިންވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އަރިމަތިން ކުޅެމުން ދިޔަ އަހުމަދު ރިޒުވާން (ރިޒޭ)ގެ ބާރު ދުވެއްޔާއެކު ވިކްޓަރީ އޭރިއާ ތެރެއަށް ވަދެ ކަނޑާލި ތިރި ޕާސް، ޖުމައިލް ޖަމީލް ކުރިއަށް ފޮނުވާލި އިރު، އޭނާގެ ހަމަލާ ބްލޮކްވީ ވިކްޓަރީގެ ޑިފެންޑަރު ގައިގައި ޖެހިފައެވެ. އެ ޝޮޓްގެ ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެން އީގަލްސްއަށް ލީޑު ނަގައިދނީ ހަސަން ރާއިފް (ހަންނަ) އެވެ.

މިރޭގެ މެޗަށް އީގަލްސްއިން ނުކުތީ އަނިޔާގައި ހުރި ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބާކާ) ނުލައެވެ. އަދި އެންމެފަހުން އެޓީމުން ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން ފޮނުވާލުމުން ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން)ވެސް މިރޭ ބެންޗުގައި ނެތެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ފޮޓޯ/ އެފްއޭއެމް

އީގަލްސްއިން ވަރުގަދަކޮށް ފުރަތަމަ ހާފް ފެށި ނަމަވެސް، ފުރަތަމަ ހާފްގައި ވިކްޓަރީގެ ފަރާތުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް ފެނިފައެވެ. އެގޮތުން އެޓީމުގެ އީސްޓް ޓިމޯ ފޯވަޑް ޕެޑްރޯ ހެންރިކޭގެ ހަމަލާ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ދިފާއުކުރި އިރު، ހަންގޭރީގެ ފޯވަޑް ސައިމަން ތީބޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. އޭގެ އިތުރުންވެސް ސައިމަންގެ ހަމަލާއެއް އީގަލްސްގެ ޑިފެންޑަރު ހުސައިން ފައިސަލް ވަނީ ގޯލްގެ ރޮނގު މަތިންވެސް ދިފާއުކޮށްފައެވެ.

ވިކްޓަރީގެ ފަހަތަށް ކުޅެމުން ދިޔަ އާދަމް އިޝާން (ސަން)ގެ ހަމަލާ އީގަލްސްގެ ކީޕަރު ސުޖަން ދިފާއުކުރި އިރު، މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް އީގަލްސްގެ ކުރިއަށް ކުޅޭ ބްރެޒިލް ފޯވަޑް، ލުއިޒް އެޑުއާޑޯގެ ފަރާތުން ބާރު ހަމަލާއެއް ފެނިގެން ގޮސްފައިވެއެވެ.

ވިކްޓަރީގެ އޭރިއާ ބޭރުން އެޑުއާޑޯ ފޮނުވާލި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން އަތުން ބޯޅަ ކައްސާލި ނަމަވެސް، ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ އިތުރުންވެސް ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ރިޒޭ ތަނަވަސްކުރި ހުސް ފުރުސަތެއް ފޯވަޑް މުހައްމަދު ނާއިމަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ވިކްޓަރީ ކީޕަރު އިމްރާނު އަތަށެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ދެވަނަ ހާފް އީގަލްސްއިން ފެށީ ވަރުގަދަކޮށެވެ. ރިޒޭގެ ހަމަލާއެއްގެ އިތުރުން ނާއިމްގެ ހަމަލާއެއްވެސް ހާފްގެ ކުރީކޮޅުގައި ފާހަގަކޮށްލެވުނެވެ. ރިޒޭގެ ހަމަލާ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، ވިކްޓަރީ އޭރިއާ އަރިމަތިން ނާއިމް، މަތި މަތިން ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފްގައި އީގަލްސްގެ ކުރިއަށް ކުޅޭ ކުޅުންތެރިން ފަރާތުން ހަލުވި ކުޅުމެއް ފެނިފައިވާ އިރު، ވިކްޓަރީގެ ޑިފެންސުން ވަނީ އެ ކުޅުންތެރިން ހުއްޓުވުމަށް ގިނަ ފައުލްތަކެއް ކޮށްފައެވެ. ވިކްޓަރީގެ އޭރިއާ ރޮނގު ކައިރިން އީގަލްސްއަށް ގިނަ ހިލޭ ޖެހުންތަކެއް ލިބިފައިވާ އިރު، އެއްވެސް ހިލޭ ޖެހުމެއްގެ ބޭނުން އެޓީމަށް ހިފިފައެއް ނުވެއެވެ.

ހާފްގެ ކުރީކޮޅުގައި އީގަލްސްއިން މޮޅަށް ކުޅުނު ނަމަވެސް ވިކްޓަރީގެ ކޯޗު، ލާޒްލޯ ކިސްގެ އެޓޭކިން ދެ ބަލަކާއެކު ވިކްޓަރީން ވަނީ އެޓޭކް ވަރުގަދަކޮށްފައެވެ. އެޓީމުގެ މެދަށް ކުޅެމުން ދިޔަ އަލީ ނާފިއުގެ ބަދަލުގައި އިބްރާހީމް ހަމްދާން (މެސީ) ކުޅެން ނުކުތް އިރު، ކުރިއަށް ކުޅޭ ސައިމަންގެ ބަދަލުގައި ކުޅެން ނުކުތީ އަހުމަދު ރަޝީދު (އަންމަޑޭ) އެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ވިކްޓަރީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީވެސް ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް ހަމްދާނެވެ. ވިކްޓަރީގެ އަރިމަތިން އަހުމަދު ނާޝިދު (ނާއްޓޭ) ނަގައިދިން ހުރަސް، އީގަލްސްގެ ޑިފެންޑަރު މުހައްމަދު ތަސްނީމްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ޖެހުނީ ގޯލްގެ ހުރަސް ދަނޑީގައެވެ. ހަމްދާން އޭނާގެ ގޯލް ޖެހީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ހުސްކޮށް އޮވެ ގޯލަށް ފޮނުވާލައިގެންނެވެ.

ވިކްޓަރީގެ ގޯލަށްފަހު ދެ ޓީމުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، މެޗުގެ ފަހު ކޮޅުގައި އީގަލްސްއިން ވަނީ އަނެއްކާވެސް ކުޅުން ރަނގަޅުކޮށްފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި އީގަލްސްގެ ދެވަނަ ގޯލާއެކު އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިޒޭއެވެ. ވިކްޓަރީ އޭރިއާ ތެރެއިން އިބްރާހީމް މުބީން (މުއްކި)އާއެކު ވަންޓޫ ޕާހެއް ޖެހުމަށްފަހު ހުސްކޮށް އޮވެ ރިޒޭ ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ގޯލްގެ ތިރީ ކަށެވެ.

މެޗު ނިމެން ދަނިކޮށް އީގަލްސްއާއި ވިކްޓަރީއަށްވެސް ވަނީ ގޯލް ޖަހާނެ ދެ ފުރުސަތެއް ލިބިފައެވެ. އީގަލްސްގެ އޭރިއާ ތެރެއިން ނާއްޓޭ ފޮނުވާލި ބާރު ހަމަލާ ކީޕަރު ސުޖަން ދިފާއުކުރި އިރު، އީގަލްސްގެ ހަންނަ ތިރި ތިރިން ނަގައިދިން ހުރަހަށް އެޑުއާޑޯ ކުރިއަށް އެރި ނަމަވެސް ބޯޅަ ދިޔައީ އޭނާގެ ފައިގައި ލައްވާނުލައެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ފޮޓޯ/ އެފްއޭއެމް

މިހާތަނަށް ލީގުގައި ކުޅުނު 12 މެޗުން އީގަލްސްއަށް ލިބެނީ 21 ޕޮއިންޓެވެ. ދެވަނަގައި އޮތް މާޒިޔާއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު، އީގަލްސް ތިންވަނައިގައި އޮތީ ގޯލްގެ ތަފާތުންނެވެ. މިރޭގެ މެޗަށް ނުކުތްއިރުވެސް ދެ ޓީމަށް ޕްރިމިއާ ލީގު ކަށަވަރުވެފައިވާ އިރު، މެޗުން ބަލިވި ވިކްޓަރީ ފަސް ވަނައިގައި އޮތީ 12 މެޗުން 19 ޕޮއިންޓާއެކުގައެވެ.

މާލޭ ލީގުގެ 12 ވަނަ ހަފްތާގެ ކުޅުން ނިމިފައިވާ އިރު، 13 ވަނަ ހަފްތާގެ ކުޅުން ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެ މެޗުގައި ވާދަކުރާނީ ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.