05 Jun 2018, 00:00
ރ. އުނގޫފާރުގައި ނިދާފައި އޮތް ތިން މަހުގެ ތުއްތު އަންހެން ކުއްޖަކު އެނދުން ވެއްޓި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
މިއަދު މެންދުރުފަހު ހިނގި އެ ހާދިސާއާ ގުޅޭގޮތުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއް ނާސިރު އަލީ "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހާދިސާ ހިނގީ އެ ކުއްޖާ ނިދާފައި އޮތް އެނދާއި ގޮދަޑިއާ ދޭތެރޭގައި ހުސްކޮށް އޮންނަ ދޭތެރެއަށް ވެއްޓި ނޭވާ ހާސްވެގެން ކަމަށެވެ.
"އެ ހާދިސާ ހިނގިއިރު ތުއްތު ކުއްޖާ ނިންދަވާފައި މައިންބަފައިން ގޭތެރޭގައި އުޅެމުން ދިޔައީ. އެހެން އުޅެފައި 20 ވަރަކަށް މިނެޓް ފަހުން އައިސް ބެލިއިރު އެކުއްޖާ އޮތީ އެތަނަށް ވެއްޓި މަރުވެފައި،" އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ އެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
އެ މައްސަލަ އުނގޫފާރު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.