އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ބާއްވާނެ ދުވަސް މާދަމާ ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ކުރިންވެސް ކަނޑައަޅާފައިވާ ގޮތަށް ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބު އޮންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބު ބާއްވާ ދުވަސް މާދަމާ ފައިނަލްކޮށް ނިންމާނަން. ކޮމިޝަންގެ ބައްދަލުވުމެއް މާދަމާ އެބައޮތް. އެ ބައްދަލުވުމުގައި މިފަހަރު ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކަނޑައަޅާނަން. އެ ކަނޑައެޅުމާއެކު އެ ދުވަސް ވީ އެންމެ އަވަހަކަށް އިއުލާން ކުރާނަން. ހަމަ ކުރިން ރޭވިފައި އޮތް ގޮތަށް ޖޫން މަހު ރިޔާސީ އިންތިހާބަށް ހުޅުވާލާނަން،" އަކުރަމް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް މިމަހު މެދުތެރޭގައި އާންމުކުރާނެ ކަމަށާއި ރީ ރެޖިސްޓްރޭޝަނަށް ވެސް މިމަހު ހުޅުވާލާނެ ކަމަށެވެ.

ވޯޓާސް ލިސްޓް އާންމުކުރާއިރު އެކަމަށް ރައްޔިތުން ތައްޔާރުވެ ތިބުމަށާއި ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ރަޖިސްޓްރީ ކުރަން ބޭނުންވާ މީހުން ތައްޔާރުވެ ތިބުމަށް އަކުރަމް ވަނީ އިލްތިމާސް ކުރައްވައިފައެވެ.