04 Jun 2018, 23:13
އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް އެކިއެކި ހިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދިޔަ އެޑްވާންސް ސައިން ލެންގުއޭޖް ކޯސް 270 އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ.
އޭޕްރީލް މަހުގެ ތިނަކުން 30 އަށް ކުރިއަށްގެންދިޔަ ސައިން ލެންގުއޭޖް ޓްރެއިނިން ޕްރޮގްރާމް ނިންމުމަށް ގައުމީ ޔުނިވާސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރި 11 މީހަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އޭޕްރީލް މަހުގެ ތިނަކުން 30 އަށް ކުރިއަށްގެންދިޔަ ސައިން ލެންގުއޭޖް ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޖެންޑާ މިނިސްޓްރީ
އެ ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އީވް ކްލިނިކް، މޯލްޑިވްސް ބްލަޑް ސާވިސަސް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ވިކްޓިމް ސަޕޯޓް ޔުނިޓް، އެމްޓީސީސީ އަދި ސްޓެލްކޯ ހިމެނެއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މަރިޔަމް ޖަބީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުއާމަލާތް ކުރުމަށް މަގުފަހިވެގެން ދިއުމަކީ، މުޖުތަމައުގެ އެކިއެކި ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ނުކުޅެދޭ މީހުން ބައިވެރިކުރެވޭނެ މަގެއް ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭޕްރީލް މަހުގެ ތިނަކުން 30 އަށް ކުރިއަށްގެންދިޔަ ސައިން ލެންގުއޭޖް ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޖެންޑާ މިނިސްޓްރީ
ޖަބީން ވިދާޅުވީ، ސައިން ލެންގުއޭޖަށް އަހުލުވެރިކުމުގެ ސަބަބުން މަސައްކަތުގެ ތަރައްގީގެ ހުނަރު ތަރައްގީ ކުރުމަށާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުން އެނގިގެންދިޔަ ކަމަށެވެ.