ގއ. ގެމަނަފުށީ ސިއްހީ މަރުކަޒުން ޑެންގީއަށް ފަރުވާދެވެން ނެތިގެން އެމަޖެންސީފަރުވާއަށް ބޭނުވެފައި ތިބި ބަލި މީހުން ގޮވައިގެން ރަށު ކައުސިލުން ގދ. ތިނަދޫ އަތޮޅު ހޮސްޕިޓަލަށް ހިނގައްޖެ އެވެ.

އެ ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވި ގެމަނަފުށީ ކައުންސިލްގެ ރައީސް އާސިމް މުހަންމަދު މިރޭ ވިދާޅުވީ ކައުންސިލާއި ކުލަބު ޖަމްއިއްޔާތައް ގުޅިގެން ދޯންޏެއްގައި ބަލިމީހުން ގޮވައިގެން ކުއްލިގޮތަކަށް ފުރަންޖެހުނީ ޑެންގީހުން ޖެހިގެން ކުއްލި ފަރުވާއަށް ބޭނުންވާ 20 މީހުން ރަށުގައިތިބުމުން ކަމަށާއި އެމީހުންނަށް ބޭނުންވާ ފުރިހަމަ ފަރުވާ ސިއްހީ މަރުކަޒުން ލިބެމުން ނުދާތީ ކަމަށެވެ.

"ރަށުން ފުރަން އެންމެ ފަހުން މި ޖެހުނީ. މި މީހުންނަށް ބޭނުންވާ އެއްވެސް ފަރުވާއެއް ނެތް ލިބޭކަށް. ތަނުގައި ވަސީލަތެއް ނެތް. އަޅުގަނޑުމެންނަށް މަސައްކަތް ވެސް ކުރެވިއްޖެ. މިތަނުގައި މިހާރު ވެސް އެބަހުރި 19 އަހަރުގެ އަންހެން ކުއްޖެއް ހުންޖެހިފައި. އޭނާގެ އަގައިން ލޭ އަންނަނީ،" އާސިމް ވިދާޅުވި އެވެ.

ޑެންގީ ބަލި މީހުން ގޮވައިގެން ކުރާ ދަތުރުގައި ހެލްތް ކޯޕަރޭޝަނާއި ގައުމީ އިދާރާއާ ބައްދަލުކޮށް ގެމަނަފުށީ ސިއްހީ މަރުކަޒައް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދިނުމަށް ދަންނަވާނެ ކަމައް ވެސް ނަސީރު ވިދާޅުވި އެވެ. އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ކައުންސިލުގެ ރައީސްގެ އިތުރުން ކައުންސިލްގެ ބައެއް މުވައްޒަފުނާއި ގެމަނަފުށީ ބައެއް މީހުން ވެސް ބައިވެރިވެ އެވެ.

"މިކޮޅުގައި ތިބެގެން ދެންނެވިއްޖެ. އެންމެ ފަހުން މިކަމަށް ހައްލެއް ހޯދަން ސީދާ މަޝްވަރާތަކަށް މިދަނީ. މިގޮތުން ވެސް އަލިމަގެއް ފެނޭތޯ،" އާސިމް ވިދާޅުވި އެވެ.

ބަލި މީހުން ގޮވައިގެން ކައުންސިލުން ތިނަދުއަށް ދިޔައިރު ސިއްހީ މަރުކަޒުން ޑެންގީއަށް ޓެސްޓް ނުކުރެވޭ ކަމަށް ބުނެ ގެމަނަފުށީ ސިއްހީ މަރުކަޒުގައި އިއްޔެ ވަނީ ތަޅު އަޅުވާފަ އެވެ.