ކުރީގެ ކާމިޔާބު ޓޭބަލް ޓެނިސް ކުޅުންތެރިޔާ އަލްމަރްހޫމު އިބްރާހިމް މަނިކުގެ ހަނދާނުގައި ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ދުންތަރި އާއިލާ ގުޅިގެން ބާއްވާ ދުންތަރި މަނިކު މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ޓޭބަލް ޓެނިސް މުބާރާތުގެ ދިހަވަނަ މުބާރާތުގެ ޗެމްޕިއަންކަން "ޕިންގް ޕޮންގްތާސް" ހޯދައިފިއެވެ.

ރާއްޖޭގެ ޓޮޕް ލެވެލްގެ ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ޒުވާން ކުޅުންތެރިންނާއި ޓީޓީގެ ވެޓެރަންސް ކުޅުންތެރިން ފެނިގެންދާ އެ މުބާރާތް މިއަހަރުވެސް ކުރިއަށްދިޔައީ ޒުވާނުންގެ މަރުކަޒުގެ އެތެރެވެށި ކޯޓުގައެވެ. މުބާރާތުގެ ކުޅުން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

"ޕިންގް ޕޮންގްތާސް"އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ފަސް މެޗު ހަތަރު މެޗުން "މުޖައްރިބު" ބަލިކޮށްގެންނެވެ.

މުބާރާތުގައި ޖޫނިއާގެ އިތުރުން ސީނިއާ ކެޓެގަރީ އަދި ވެޓެރަންސް ކެޓެގަރީގެ މެޗުތައް ކުރިއަށްދާ އިރު، ޓީމުތައް އެކުލަވާލާފައިވަނީ ހުރިހާ އުމުރެއްގެ ވެސް ކުޅުންތެރިން ކޮންމެ ޓީމެއްގައި ވެސް ހިމެނޭ ގޮތަށެވެ. އަދި މުބާރާތުގައި ކުޅެނީ ކެޓަގަރީތަކަށް ވަކިން ސިންގަލްސް މެޗުތަކެވެ.

ރޭގެ ފައިނަލް ނިންމާ މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލްއާއި ހަނދާނީ ލިޔުން ވެސް ހަވާލުކޮށްފައިވެއެވެ.

މިއަހަރުގެ މުބާރާތުގައި އަށް ޓީމަކުން 73 ކުޅުންތެރިން ބައިވެރިވެފައިވާ އިރު، މިދިޔަ އަހަރުގެ މުބާރާތުގައި ވެސް އަށް ޓީމަކުން 72 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.