އަނިޔާގައި ގިނަ ދުވަސްތަކެއްގައި ހުރުމަށް ފަހު ބްރެޒިލުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގައި މެޗުގައި ނޭމާގެ ފަރާތުން ފެނުނީ ހީނުކުރާ ވަރުގެ ކުޅުމެއް ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.

ބްރެޒިލްގެ ތަރި ނޭމާގެ ފައިގެ ކުޑަހުޅުގެ ކަށިކޮޅެއް ބިންދައިގެން ގޮސް، އޭނާ ސާޖަރީ ހަދާފައިވާ އިރު، އާދީއްތަ ދުވަހުގެ ރޭ ބްރެޒިލިން ކުޅުނު މެޗަކީ މިދިޔަ ފެބްރުއަރީ މަހަށް ފަހު ނޭމާ ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ދެވަނަ ހާފްގައި ކުޅެން ނުކުމެ ނޭމާ ގޯލްވެސް ޖަހާފައިވާ އިރު، ބްރެޒިލުން ކްރޮއޭޝިއާ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ނޭމާގެ އިތުރުން އެ މެޗުގައި ގޯލް ޖެހީ ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އެވެ.

"އަނިޔާގައި އެހާ ގިނަ ދުވަހު ހުރުމަށް ފަހު އައިސް ނޭމާ ދެއްކީ މާ ވަރުގަދަ ކުޅުމެއް. ހީވެސް ނުކުރަން އޭނާ އެގޮތަށް ކުޅޭނެ ކަމަކަށް. އަހަރެން ހިތްހަމަ ޖެހުނީސް މަޑުމަޑުން ހުރެ އޭނާ ކުޅުނު ނަމަ،" ބްރެޒިލް ކޯޗު ޓީޓޭ ބުންޏެވެ.

ޓީޓޭ ބުނީ ބްރެޒިލް ކާމިޔާބީއާ ހަމައަށް ގެންދާނީ ހަމައެކަނި ނޭމާ ނޫން ކަމަށާއި ބްރެޒިލަކީ ވަރުގަދަ ޓީމެއް ކަމަށެވެ.

"ނޭމާއަކީ އިންޑިވިޖުއަލީ ވަރަށް ހުނަރުވެރި، ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމަކު އޭނާގެ ބޮލުގައި އެކަންޏެއް ނޫން ބްރެޒިލް މެޗުތަކުން މޮޅުވުމުގެ ޒިންމާ އެޅިފައި އޮންނާނީ. ކްރޮއޭޝިއާ ކޮޅަށް ނޭމާ ޖެހި ގޯލްގައި ވެސް މުޅި ޓީމުގެ ހިއްސާ ބޮޑު. ނޭމާއަށް އިނގޭނެ މުޅި ޓީމުގެ ވެސް މުހިއްމުކަން،" ޓީޓޭ ބުންޏެވެ.

އެންމެ ފަހުން އަމިއްލަ ގައުމުގައި ބްރެޒިލުން ކުޅުނު ވޯލްޑް ކަޕުން ބްރެޒިލް ކެޓީ ސެމީ ފައިނަލްގައި ބޮޑު ތަފާތަކުން ޖަރުމަނު އަތުން ބަލިވެގެންނެވެ. އެ މެޗުގައި އަނިޔާގެ ސަބަބުން ނޭމާ ކުޅެފައި ނުވާ އިރު، އެ އަހަރުގެ ވޯލްޑް ކަޕްގައި ނޭމާގެ ބުރަކައްޓަށް ލިބުނު އަނިޔާއާ އެކު އޭނާއަށް މުބާރާތް ނިމުނީ ކުއާޓާ ފައިނަލްގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނަ އިރު، ނޭމާ ވަނީ މިހާތަނަށް ގައުމީ ޓީމާ އެކު އޭނާ ކުޅުނު 84 މެޗުން 54 ގޯލް ޖަހައިފަ އެވެ.