ކާބުލް (ޖޫން 4): އަފްގާނިސްތާނުގެ ކާބުލްގައި މުސްލިމު އިލްމުވެރިންގެ އެއްވުމަކަށް އަމާޒުކޮށް އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ އެވެ.

އަފްގާން އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަޖީބު ދާނިޝް ވިދާޅުވި ގޮތުގައި ކާބުލްގައި ހުންނަ ޕޮލިޓެކްނިކް ޔުނިވާސިޓީ ކައިރީ ދިން އެހަމަލާގައި 12 މީހަކު މަރުވެ ހަ މީހަކަށް އަނިޔާވި އެވެ. ނަމަވެސް ކާބުލްގެ ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި މަރުވި ކަން އަދި ޔަގީންވެފައި ވަނީ ހަތް މީހުންނެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެހަމަލާ ދިނީ، އަމިއްލައަށް މަރުވެގެން ހަމަލާ ދިނުމާއި އަފްގާނިސްތާނުގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ދެކޮޅަށް އެގައުމުގެ އިލްމުވެރިން ފަތުވާއެއް ނެރުނު ފަހުންނެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެ އެވެ. ނަމަވެސް އެގައުމުގައި މިއަހަރު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބާ ދިމާކޮށް އައިއެސް އާއި ތާލިބާނުން ވަނީ ފާއިތުވި މަސްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ހަމަލާތައް ދީފަ އެވެ.

އެގޮތުން މިދިޔަ އޭޕްރިލް މަހު ކާބުލްގައި ކުޑަ ވަގުތުކޮޅެއް ތެރޭ ދެހަމަލާއެއްދީ 26 މީހަކު މަރާފައިވެ އެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ނުވަ ނޫސްވެރިން ވެސް ހިމެނުނެވެ. (އަލްޖަޒީރާ)