05 Jun 2018, 10:21
މިދިޔަ ސީޒަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ނުކުތީ ރާއްޖޭގެ ފުޓުބޯޅައިގައި އެޓީމުގެ "ލެގަސީ" ދެމެހެއްޓުމަށް ބޮޑެތި ހަރަދުތަކެއްކޮށް، ވަރުގަދަ ޓީމަކާއެކުގައެވެ. މިދިޔަ އަހަރު ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ މާލޭ ލީގު، ތިން ވަނައިގައި ނިންމާލަން ޖެހުނު އިރު، އޭރު ކޯޗަކަށް ހުރީ ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒްއެވެ.
ޓީމުގެ ކުޅުމަށް ޓަވަރޭޒްގެ އަމިއްލަ ބަދަލުތަކެއް ނުގެނެވި، ޓީމަށް އުންމީދުކުރި ވަރަށްވުރެ ދަށް ނަތީޖާތަކެއް ލިބެން ފެށުމުން ނިއުގެ ބޯޑުން އޭނާ ވަކިކޮށް، ދެން ޓީމަށް ގެނައީ ސްޕެއިންގެ އޮސްކާ ބުރުޒޮންއެވެ. ސްޕެއިން ފުޓުބޯޅައިގެ ފިލޯސަފީއާ ވަރަށް ރައްޓެހި ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އޮސްކާާ ޓީމާ ހަވާލުވުމާއެކު އެޓީމުގެ ކުޅުމުން އޭނާގެ ވިސްނުން ފެންނަން ފެށިއެވެ. ކުދި ޕާސްތަކާއެކު ޕޮސެޝަން ފުޓުބޯޅައެއް ނިއުގެ ފަރާތުން ފެންނަން ފެށި އިރު، ނިއު ބަލިކުރަން އެއްވެސް ޓީމަކަށް ފަސޭހަ ނުވިއެވެ.
"ދެ މެޗު އޮއްވާ ލީގު ނެގުމަކީ ފަސޭހަ ކަމެއް ނޫން. އަހަރެން ހަނދާނަށް އަންނަނީ، މިދިޔަ ސީޒަންގެ މިހާ ހިސާބުން ނިއުގެ ޗެއާމަން އަހަންނަށް ކުރި ފޯނު ކޯލް. ޗެއާމަން ބޭނުންވީ ޓީމުގެ ރޫހު ރަނގަޅުކޮށް، ސްޕެއިންގެ ކޮމްބިނޭޝަން ފުޓުބޯޅައެއް ޓީމަށް ގެނައުމަށް. އަހަރެން ބުނިން ނިއުގައި ތިބި ކުޅުންތެރިންނާއެކު ކުޅޭ ސްޓައިލް ބަދަލުކޮށްލެވިދާނެއޭ... އަހަރެން ކައިރީގައި ތިބި އެންމެން ޓީމަށް އެ ބަދަލު ގެނައީ. ނިއުގައި މިހާރު އޮތް މެނޭޖުމަންޓާއި ކުޅުންތެރިންނަކީ ލިބުނު ނަސީބެއް،" މާލޭ ލީގުގައި ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، މާލޭ ލީގު ނިއުއަށް ހޯދައިދިން ކޯޗު އޮސްކާ ބުންޏެވެ.
މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޮސްކާ ނިއުއާ ހަވާލުވިފަހުން މިހާތަނަށް އޭނާ ވަނީ ނިއު ވާދަކުރި ލޯކަލް ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. މި ސީޒަންގެ މާލޭ ލީގުގައިވެސް އެޓީމު އަދި ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. މިދިޔަ އަހަރުގެ ސީޒަންގައި ނިއުއަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި ތަށްޓަކީވެސް މާލޭ ލީގެވެ.
"އަދިވެސް މިހުރީ ތަށިތައް ހޯދުމުގެ އަޒުމުގައި، އަހަރެން ވަރަށް އުފާވެފައި މިހުރީ. އެއީ ނިއުއަށް ޖެހިޖެހިގެން ހަތަރު ތަށި ނުހޯދޭތާ ދުވަސް ގަނޑެއް ވެއްޖެ. އަހަރެން ބޭނުންވޭ ކުޅުންތެރިންގެ އަގު ވަޒަންކުރަން. އެ ކުޅުންތެރިން ހަފްތާއަކަށްފަހު ހަފްތާއެއް ރަނގަޅު ކުރަމުން މިހިސާބަށް މި އާދެވުނީ،" އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ މިސީޒަންގެ މިހާ ހިސާބަށް އައުމުގައި އޭނާއަށް ދިމާވި ހަމައެކަނި މާޔޫސް ކަމަކަށްވީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުން ކަމަށެވެ.
"ދެން ވިސްނާނީ ޕްރިމިއާ ލީގަށް. މިހިސާބުންވެސް ހަނދާން ނައްތައެއް ނުލަން އަހަންނަށް އެންމެ ފުރިހަމަ ކާމިޔާބެއް ނުލިބުނު. އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ އެއްވަނަ ނުލިބުމަކީ ވަރަށް ބޮޑު ވެއްޓުމެއް. އެކަމަކު އެކަންތަކުން އަރައިގަނެ ކުރިއަށްދާން ތައްޔާރަށް މިހުރީ. ޗެއާމަނާއި މެނޭޖުމަންޓާއެކު ޕްރިމިއާ ލީގަށް ނުކުންނާނީ އެ ތަށިވެސް ހޯދަން،" އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ނިއުއިން ހޯދަމުން އަންނަ ކާމިޔާބީތަކަށް ހާއްސަ އުކުޅެއް ނެތް ކަމަށާއި، ކާމިޔާބީތަކުގެ ސިއްރަކީ ޓީމުގެ ހުރިހާ ކަމެއްވެސް ރަނގަޅަށް ދިއުން ކަމަށެވެ.
"މީގަ ނެތް ސިއްރެއް. ހުރިހާ ކަމެއް ރަނގަޅަށް ދަންޏާ ނަތީޖާވެސް ރަނގަޅުވާނެ. ސަޕޯޓަރުންނާ މެނޭޖުމަންޓް އަދި ކުޅުންތެރިންގެ ކަންކަން ރަނގަޅަށް ދަންޏާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް،" އޮސްކާ ބުންޏެވެ.