ބަލްގްރޭޑް (ސެޕްޓެމްބަރ 7) : ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވުމަށް ދުނިޔޭގެ ޤައުމުތަކަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ކޭންޕޭން ކުރުމުގެ މަސައްކަތް މިސްރުން ފަށައިފިއެވެ.

ސަރބިޔާގެ ވެރިރަށް ބަލްގްރޭޑްގައި މިއަދު ނިމުނު ވަކިފަރާތްތަކަށް ނުޖެހޭ ޙަރަކާތުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިސްރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ކާމިލް ޢަމްރު ވިދާޅުވީ ވަކިފަރާތްތަކަށް ނުޖެހޭ ޙަރަކާތުގައި ހިމެނޭ ހުރިހާ ޤައުމުތަކަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގައި ތާއީދުކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި މިކަމަށް ކޭންޕޭންކުރުމަށް މިސްރުންވެސް މަސައްކަތްތަކެއް ކުރަމުން ގެންދާކަމުގައެވެ.

ވަކިފަރާތަކަށް ނުޖެހޭ ހަރަކާތުގައި ހިމެނޭ 120 ޤައުމުގެ ތެރޭން މަދުވެގެން 100 ޤައުމު ފަލަސްތީނުގެ މިނިވަން ދައުލަތަށް ތާއީދުކޮށް އދ. ގައި ވޯޓުދޭނެ ކަމުގެ ސިގްނަލް ދީފައިވާ ކަމަށްވެސް މިސްރުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރާއި އަނިޔާވެރިކަމުގެ ފަހަތުގައިވާ މައިގަނޑު ފަރާތް ކަމަށްވާ އެމެރިކާވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކުރުމާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ސަލާމަތީ މަޖިލީހުގައި އެެމެރިކާ ޚުދުމުޚްތާރު ގޮަތެއްގައި ވީޓޯގެ ބޭނުން ކުރިނަމަވެސް އދ. ގެ ޖެނެރަލް އެސެމްބްލީއަކީ އެމެރިކާއަށް ވީޓޯ ނުކުރެވޭ ގޮތަށް ޑިމޮކްރެޓިކް އުސޫލުން ވޯޓުދޭ މަޖިލީހަކަށްވާތީ އެމަޖިލީހުގައި ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކުރާ މިންވަރަށް ފަލަސްތީނަށް ތާއީދު ލިބިދާނެތީ އެމެރިކާއާއި އިސްރާއީލުވަނީ ކަންބޮޑުވެފައެވެ.

އެމެރިކާ ގެންދަނީ ދުނިޔޭގެ ޤައުމުތަކަށް ބިރުދައްކައިގެންނާއި ޤައުމުތަކަށް ފައިސާއާއި ރިޝްވަތުފަދަ ތަކެތި ދީގެން ފަލަސްތީނުގެ ދައުލަތާއެއްކޮޅަށް ވޯޓު ނުދިނުމަށް ދުނިޔޭގެ ޤައުމުތަކަށް އެކިގޮތްގޮތަށް އެކިފެންވަރުގައި ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެމެރިކާގެ މިޢަމަލުތަކުގެ ސަބަބުން، އަރަބި އިސްލާމީ ދުނިޔޭގައި އެމެރިކާ އިތުރަށް އެކަހެރިވެ އެޤައުމުތަކުގައިވާ އެމެރިކާގެ މަސްލަޙަތުތައް އިތުރަށް ކަމީނާވެގެންދާނެތީ އެމެރިކާ ގެންދަނީ ފަލަސްތީނުގެ ދައުލަތުގެ މައްސަލަ އދ. އަށް ނުގެންދިޔުމަށް ފަލަސްތީނުގެ ވެރިންނަށް ބާރުއަޅަމުންނެވެ.

ނަމަވެސް ފަލަސްތީނުންވަނީ އެމެރިކާއަށް ބެލުމެއްނެތި ފަލަސްތީނުގެ ދައުލަތުގެ މައްސަލަ މިމަހުގެ 20 ވަނަ ދުވަހު އދ. އަށް ހުށަހަޅާނެކަމާއި މިކަމުގައި ދެން ފަސްނުޖެހޭނެކަން ކަށަވަރުކޮށްދީފައެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ފަލަސްތީނުގެ މިނިވަން ދައުލަތަށް 130 ޤައުމުގެ ތާއީދު ލިބިއްޖެނަމަ ފުރިހަމަ މެންބަރަކަށްނުވާ ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ލިބިގެންދާނެއެވެ.
މިހެންވެއްޖެނަމަ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ނިގުޅައިގަނެފައިވާ ޙައްޤުތަައް ހޯދުމަށްޓަކައި ދަހޭގް ގައި ހުންނަ ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ފަލަސްތީނަށް ލިބިގެންދާނެ ކަމަށް ބައިނަލްއަޤްވާމީ ޤާނޫނުތަކާބެހޭ މާހިރުން ވިދާޅުވެއެވެ.

ފަލަސްތީނުން 18 އަހަރުވަންދެން އިސްރާއީާލާއެކު ސުލްޙައިގެ ވާހަކަތައް ދައްކައިގެންވެސް ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ދިނުމަށާއި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޣައިރު ޤާނޫނީ މަސައްކަތްތައް ހުއްޓާލުމަށް އިސްރާއީލުންވަނީ ދެކޮޅު ހަދާފައެވެ. (އަލްޖަޒީރާ)