ކެންބެރާ (ޖޫން 4): އޮސްޓްރޭލިއާގެ ކޮމަންވެލްތް ބޭންކް (ސީބީއޭ)އިން އެންޓި-މަނީ ލޯންޑަރިން އަދި ކައުންޓާ-ޓެރާ ފައިނޭންސިން ގާނޫނުތަކާ ހިލާފުވުމާ ގުޅިގެން 530 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކާނެ ކަމަށް އެބޭންކުން ބުނެފި އެވެ.

އޮސްޓްރޭލިއާގެ އެންމެ ބޮޑު ބޭންކުން ޖޫރިމަނާގެ ގޮތުގައި އެފައިސާ ދައްކަން އެއްބަސްވީ، މަނީ ލޯންޑަރިންގެ މައްސަލަ ބެލި ޖާސޫސީ އިދާރާ ކަމަށްވާ އޮސްޓްރޭލިއަން ޓްރާންސެކްޝަން ރިޕޯޓްސް އެންޑް އެނޭލިސިސް ސެންޓާ (އޮސްޓްރެކް)އާ އެކު ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ.

އޮސްޓްރެކް އިން ބުނި ގޮތުގައި ސީބީއޭއިން ވަނީ ގާނޫނާ ހިލާފު ކަމަށް ބެލެވޭ ޑިޕޮސިޓުތަކަކާއި ޓްރާންސްފާތަކެއް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިޕޯޓުނުކޮށް ދޫކޮށްލާފައި އެވެ. އޭގެ ސަބަބުން އެފައިސާ ގޭންގުތަކަށާއި ޓެރަރިސްޓު ނެޓްވޯކުތަކަށް ފޮނުވާފައިވޭތޯ ބެލުމަށް ކުރާ ތަހުގީގުތަކަށް ހުރަސް އެޅޭނެ ކަމަށް ވެސް އޮސްޓްރެކް އިން ބުންޏެވެ.

އަދި ސީބީއޭއިން ވެސް ވަނީ 10،000 ޑޮލަރަށް ވުރެ އިތުރު ފައިސާ ހިމެނޭ 53،506 ފައިސާގެ މުއާމަލާތްތައް ކަނޑައެޅިފައިވާ 10 ދުވަހުގެ ތެރޭ ރިޕޯޓު ނުކުރެވިފައިވާ ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެފަދައިން ދިމާވީ ކޯޑިން މައްސަލައެއް ޖެހި، އެމުއާމަލާތްތައް ވަގުތުން ރިޕޯޓު ނުކުރެވުމުން ކަމަށް ބުނެފަ އެވެ.

އެޖޫރިމަނާ ކޯޓުން ގަބޫލުކޮށްފި ނަމަ އެވާނީ އޮސްޓްރޭލިއާގެ ކުންފުންޏަކުން ދައްކަން ޖެހުނު އެންމެ ބޮޑު ޖޫރިމަނާއަށެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އެގައުމުގެ މާލީ ދާއިރާގައި ހުރި މައްސަލަތައް ތަހުގީގު ކުރުމަށް މިދިޔަ އަހަރު ހާއްސަ ކޮމިޝަނެއް އެކުލަވާލާފަ އެވެ. (ބީބީސީ)