04 Jun 2018, 12:46
ތެލުގެ އަގު ދަށަށް ނުދާނަމަ، އެއާލައިން ޓިކެޓުގެ އަގު ބޮޑުވާނެ ކަމުގެ އިންޒާރު އެމެރިކަން އެއާލައިނުން ދީފިއެވެ.
ތެލުގެ އަގު މިދިޔައަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 50 ޕަސެންޓު ބޮޑުވެފައިވާއިރު އިތުރަށް އަގުބޮޑުވަމުންދާނަމަ، އެއާލައިންތައް ބަނގުރޫޓުވުމުގެ ބިރުވެސް އެބައޮތެވެ.
ތެލުގެ އަަގަށް އަންނަމުންދާ ބަދަލާއެކު އެއާލައިން ތަކަށް މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިދާ ވެސް ދަށްވާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އަދި މި ހިސާބުތައް އަލުން މުޠާލިޔާކޮށް ހިސާބުކުރަން ވަނީ ނިންމައިފައެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން (އައިއޭޓީއޭ) ވަނީ ތެލުގެ އަގަށް އަންނަ ބަދަލާއެކު އެއާލައިންތަކަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ބައްދަލުވުމެއް ބާއްވައިފައެވެ. އައިއޭޓީއޭ އަކީ 280 އެއާލައިން ތަމްސީލުކުރާ ޖަމްއިއްޔާއެކެވެ.
އެ ޖަމްއިއްޔާގެ ސީއީއޯ ޑޮއުގް ޕާކާ ވިދާޅުވީ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު އެއާލައިންތަކުގެ ހިންގުމުގެ ހަރަދުވެސް އިތުރުވާނެ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ފަސިންޖަރުން އަތުން ނަގާ ފީ ބޮޑުވާނެ ދުވަހެެއް އަދި ބުނަން ދަތިކަމަށާއި ކައިރި މުސްތަގުބަލެއްގައި އެ ބަދަލު އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ޕާކާ ވިދާޅުވިއެވެ.