މިއަހަރުގެ ފިތުރުއީދުގެ ހަނދު ސާބިތުކުރުން މިމަހުގެ 13 ވާ ބުދަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޑީޖޭއޭއިން ކުރި އިއުލާނެއްގައި ބުނީ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ރަމަޟާން 1439 ( 13 ޖޫން 2018 ) ވާ ބުދަ ދުވަހުގެ ހަވީރު 5.30 ން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީކައުންސިލް އިދާރާ ތަކާއި، އަތޮޅުކައުންސިލް އިދާރާތައް އަދި ރަށު ކައުންސިލްއިދާރާތަކާއި އެރަށެއްގެ އަވަށުއޮފީސްތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށް ޑީޖޭއޭގެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ބުނީ ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މި މަހުގެ 13 ވާ ބުދަ ދުވަހުގެ ހަވީރު 5.30 ން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީކައުންސިލް އިދާރާ ތަކާއި، އަތޮޅުކައުންސިލް އިދާރާތައް އަދި ރަށުކައުންސިލްއިދާރާތަކާއި އެރަށެއްގެ އަވަށުއޮފީސްތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ކައުންސިލްގެ އިދާރާއަށް ނުވަތަ އަވަށުއޮފީސް ތަކަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދިނުމަށް އެ ޑިޕާޓުމެންޓުން އެދެއެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީ ޚަރަދު ދޭނެ ކަމަށްވެސް އެ ޑިޕާޓުމެންޓުގެ އިއުލާނުގައި ވެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ދިމާވީ މެއި މަހުގެ 16 ވަނަ ދުވަހާއެވެ. ޖޫން މަހުގެ 13 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހަށް ވާއިރު ކަލަންޑަރުގައިވާގޮތުން މިމަހުގެ 14 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ.