14:30


ސެންޓްރަލް އެމެރިކާގެ ގައުމެއް ކަމަށްވާ ގުއަޓެމާލާ އަށް އައި ބާރުގަދަ ތޫފާނެއްގައި 12 މީހުން މަރުވެ އިތުރު 11 މީހަކު ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.


ގުއަޓެމާލާ ސަރުކާރުގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި އަގަތާގެ ނަމުން ނަންދެވިފައިވާ މިތޫފާނުގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް ތިން ހާހަށް ވުރެ ގިނަ މީހުން ވަނީ އެމީހުން ދިރިއުޅޭ ސަރަހައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އެސަރަހައްދުގެ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދިފައިވާ ކަޅުދުމާއި އަޅި ސާފުކުރުމުގެ މަސައްކަތަށް މިތޫފާނުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


ގުއަޓެމާލާ ސަރުކާރުގެ އޮފިޝަލުން އިތުރަށް ބުނެފައިވަނީ މަރުވެފައިވާ މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިންނާއި ބައެއް ފަތުރުވެރިން ވެސް ހިމެނޭ ކަމަށެވެ. އަދި މިތޫފާނުގެ ސަބަބުން ޖުމްލަ 574 ގެ އަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


ސެންޓްރަލް އެމެރިކާގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މިތޫފާނުގެ ސަބަބުން ގުއަޓެމާލާގެ އިތުރުން އެލް ސަލްވަޑޯ އަށާއި މެކްސިކޯގެ އިރުދެކުނުގެ ހިސާބުތަކަށް މަދުވެގެން 750 މިލިމީޓަރުގެ ވާރޭ ވެހޭނެ އެވެ.