04 Jun 2018, 10:41
ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒްކުރި ކޮލިން ޓްރެވޮރޯގެ ފިލްމް "ޖުރެސިކް ވޯލްޑް"ގެ ދެވަނަ ބައި "ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑަމް" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި ޕްރިމިއާ ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ސައިންސް ފިކްޝަނަލް އަދި އެކްޝަން ޖޯންރާއަށް އުފައްދާފައިވާ އެ ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޖޭއޭ ބެޔޯނާ އެވެ.
ޝްވެކް ސިނަމާއިން ބުނީ ފިލްމުގެ ޓިކެޓް ވިއްކުން މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށާއި އަދި މިއަދުން ފެށިގެން ފިލްމަށް ޓިކެޓް ބުކް ވެސް ކުރެވޭނެ ކަމަށެވެ.
އެ ފިލްމުގައި ރިސް ޕްރެޓް އާއި ބްރައިސް ޑެލަސް ހޮވާޑްގެ އިތުރުން ޖަސްޓިސް ސުމިތު އާއި ޖޭމްސް ކްރޮމްވެލްގެ އިތުރުން ޓޯބީ ޖޯން ވެސް ފެނިގެންދާނެ އެވެ.
ޝައުގުވެރިވާ ގިނަ މަންޒަރުތަކެއް ފެނިގެންދާ ފިލްމާ ގުޅޭގޮތުން ޑައިރެކްޓަރު ޖޭއޯ ބުނީ ފިލްމުން ވަރަށް ހާއްސަ މެސެޖެއް ލިބިގެންދާނެ ކަމަށެވެ.
"މިއީ ޖުރަސިކް ވޯލްޑް ފްރެންޗައިޒްގެ ފަސް ވަނަ ފިލްމް ކަމުގައިވާ "ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑޮމް". މިހާރު ފިލްމްގެ ދެ ޓީޒާ ވާނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި. މިއީ ވަރަށް އެޑްވެންޗަރަސް ރީތި ފިލްމެއް. މި ބައިވެސް ކުރީގެ ބައިތަކާ އެއްގޮތަށް ޝައުގުން ފުރިގެންވާނެ. ފިލްމުގައި ދައްކުވައިދޭނީ ވަރަށް ހާއްސަ މެސެޖެއް. ފުރަތަމަ ސީން އިން ފެށިގެން ފިލްމްގެ ފަހު ސީން އާ ހަމައަށް ވެސް ދައްކުވައިދޭނީ އިބްރަތުން ފުރިގެންވާ މެސެޖުތަކެއް،" ޖޭއޭ ބުންޏެވެ.