އެސްޓީއޯ މާލޭ ލީގުގައި ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅެ، މެޗުގެ ފަހު ދިހަ މިނެޓް ތެރޭގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކޮށްދިން ހެޓްރިކާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މާލޭ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗަށް ނުކުތް އިރުވެސް ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ނިއުއަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. ނިއުއިން ލީގު ކަށަވަރުކުރީ ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި 5-0ގެ ނަތީޖާއަކުން ތާވަލުގެ ފުލުގައި އޮތް ވެލެންސިއާ ބަލިކޮށްގެންނެވެ.

މިރޭގެ މެޗުގައި ޖެހި ފަސް ގޯލްވެސް މެޗުގެ ފަހު ހާފްގައި ފެނިފައިވާ އިރު، އޭގެ ތެރެއިން ހަތަރު ގޯލް ފެނިގެންދިޔައީ މެޗުގެ ފަހު ދިހަ މިނެޓުގައެވެ. މިރޭގެ މެޗަށް ނިއުއިން ބައެއް މުހިންމު ކުޅުންތެރިން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު)، ރިހާމް އަބްދުލްޣަނީ (ބޮބީ)ގެ އިތުރުން ޑިފެންޑަރު ހާރޫން އަމީރީ އަދި މެދުތެރެއަށް ކުޅޭ ކަންޑެލާ ވެސް ފުރަތަމަ 11ގައި ނުހިމަނާ ނުކުތް އިރު، އަމީރީ ހުރީ ސަސްޕެންޝަނުގައެވެ. މެޗުގައި ނިއުގެ ގޯލްވެސް ބެލެހެއްޓީ ދެވަނަ ކީޕަރު މުހައްމަދު ފައިސަލެވެ.

މެޗުގެ ފުރަތަމަ ހާފްގައި ވެސް ނިއުއިން މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފައްދާފައިވާކަން ފާހަގަކޮށްލެވުނެވެ. މެޗުގެ 30 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުން ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، ދެވަނަ ހާފްގައިވެސް އޭނާގެ ފަރާތުން ވަނީ ނުރައްކާތެރި ހިލޭ ޖެހުމެއް ފެނިފައެވެ. އެ ހިލޭ ޖެހުން ހުޝިޔާރުކަމާއެކު ދިފާއުކުރީ ވެލެންސިއާގެ ކީޕަރު ޖުން ކޮޗީއެވެ.

ސެންޓޭގެ ހިލޭ ޖެހުމުގެ އިތުރުންވެސް އޭނާއަށް ގޯލް ޖަހާނެ ދެ ފުރުސަތެއް ފުރަތަމަ ހާފްގައި ލިބިފައިވެއެވެ. އަދި ފުރަތަމަ ހާފްގައި ކެޕްޓަން ދަގަނޑޭއަށް ލިބުނު ދެ ހަމަލާއެއްވެސް ފާހަގަކުރެވުނެވެ. ފުރަތަމަ ހާފް ނިމެންދަނިކޮށް، ވެލެންސިއާއިން ވެސް ވަނީ ރަނގަޅު ހަމަލާއެއް އުފައްދައިފައެވެ. އަންސަރު އިބްރާހީމް (އަންކޮ) ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ނިއުގެ ކީޕަރު ފައިސަލެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެވަނަ ހާފަށް ނިއުއިން ނުކުތީ ހަސަން އަދުހަމް (ސަޑޭ)ގެ ބަދަލުގައި ބޮބީއާ އެކުގައެވެ. ހާފްގެ ފުރަތަމަ ކޮޅުން ފެށިގެން ނިއުއިން އެޓޭކް ވަރުގަދަކޮށް ކުޅެމުން ދިޔަ އިރު، މެޗުގެ 49 މިނެޓުގައި ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތުން ބޮބީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ވެލެންސިއާ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ނިއުއިން މެޗުގެ ލީޑު ނެގީ މެޗުގެ 54 ވަނަ މިނެޓުގައެވެ. ލިބުނު ކޯނަރެއްގެ ފައިދާ ނަގައި، ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެން ނިއުއަށް ލީޑު ނަގައިދިނީ ޑިފެންޑަރު ޖޯޖު ގޮޓޯއެވެ. މެޗުގެ 76 ވަނަ މިނެޓުގައި ދަގަނޑޭގެ ހުރަހަކުން މުހައްމަދު ރަޝީދު (ހޮކޭ)އަށް ރަނގަޅު ފުރުސަތެއް ލިބުނު އިރު، ވައިތެރޭގައި އޮތް ބޯޅަ ވެއްޓިލައިފައި ޖެހި ނަމަވެސް އޭނާގެ ފައިގައި ރަނގަޅަށް ބޯޅަ ލައްވާލައި ގޮތެއް ނުވިއެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ދަގަނޑޭ އޭނާގެ ފުރަތަމަ ގޯލް ޖެހި އިރު، އޭގެ ތިން މިނެޓް ކުރިން އޭނާއަށް ލިބުނު ފުރުސަތުގައި ކުރިއަށް ފޮނުވާލި ހަމަލާ ދިފާއުކުރީ ވެލެންސިއާ ކީޕަރު ޖުން ކޮޗީއެވެ. ދަގަނޑޭގެ ފުރަތަމަ ގޯލް އޭނާ ކާމިޔާބުކުރީ ސެންޓޭއާއެކު ވަންޓޫއެއް ޖެހުމަށްފަހު އޭރިއާ ތެރޭގައި ހުސްކޮށް އޮވެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ ފަހު 10 މިނެޓުގައި ބޯކޮށް ވާރޭ ވެހިފައިވާ އިރު، ދަގަނޑޭގެ ފުރަތަމަ ގޯލަށް ފަސް މިނެޓްވެސް ނުވަނީސް ސެންޓޭ ވަނީ ނަތީޖާ 3-0އަށް ބަދަލުކޮށްލައިފައެވެ. އޭގެ އިރުކޮޅެއް ފަހުން މެޗުގެ 88 ވަނަ މިނެޓުގައި ދަގަނޑޭގެ ދެވަނަ ގޯލް އޭނާ ކާމިޔާބުކުރީ ލިބުނު ޕެނެލްޓީއަކުންނެވެ. ވެލެންސިއާގެ ޑިފެންޑަރު މުހައްމަދު ސިފާން އޭނާއަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނެލްޓީ ދަގަނޑޭ ކާމިޔާބުކުރީ "ޕެނަންކާ ޕެނެލްޓީ"އެއް ޖަހައިގެންނެވެ.

ދަގަނޑޭއަށް ދެވަނަ ހާފްގައި އިތުރު ހުސް ފުރުސަތެއް ވެސް ލިބިފައިވާ އިރު، ވެލެންސިއާ އޭރިއާ ތެރެއިން ހަތަރު ކުޅުންތެރިން ނައްޓާލުމަށްފަހު ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. ދަގަނޑޭ އޭނާގެ ހެޓްރިކް ކާމިޔާބުކުރީ މެޗުގެ 90 ވަނަ މިނެޓުގައެވެ. މެދުތެރެއިން އިމްރާން ނާޝިދު (އިންމަ) ދިން ބޯޅަ، ދަގަނޑޭ ގޯލަށް ފޮނުވާލީ ތިރިތިރިން ބާރަށެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެސިޑެންޓްސް ކަޕްވެސް ކާމިޔާބުކުރި ނިއުއަށް އެ އަހަރު ކާމިޔާބުނުކުރެވުނު ހަމައެކަނި މުބާރާތަކީ މާލޭ ލީގެވެ. މިދިޔަ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަނުންނަކީ މާޒިޔާއެވެ. ނިއުއިން މިދިޔަ އަހަރުގެ މާލޭ ލީގު ނިންމާލީ ލީގު ތާވަލުގެ ތިންވަނައިގައެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިހާތަނަށް ލީގުގައި ކުޅުނު 12 މެޗުން ނިއުއަށް ލިބެނީ 31 ޕޮއިންޓެވެ. ދެވަނައިގައި އޮތް މާޒިޔާއަށް 12 މެޗުން 21 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ޓީސީއަށް 12 މެޗުން ލިބެނީ 19 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ވިކްޓަރީއަށް 11 މެޗުން 19 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ހަތަރު ވަނައިގައި އޮތީ ގޯލްގެ ތަފާތުންނެވެ.

މިހާތަނަށް ފަސް ޓީމަކަށް ދިވެހި ޕްރިމިއާ ލީގު ޔަގީން ވެފައިވާ އިރު، ޕްރިމިއާ ލީގަށް ދެން އޮތް ޖާގައެއް ކްލަބު ގްރީން ސްޓްރީޓްސްއަށް ވަނީ ފުރުސަތު ބޮޑުވެފައެވެ. ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީއަށް ގަދަ ހަޔަކަށް އެރުމަށް އޮތީ އުނދަގޫ ފުރުސަތެކެވެ.

މިހާތަނަށް ކުޅުނު 12 މެޗުން ވެލެންސިއާއަށް އެއް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ވަނީ ރެލިގޭޝަން ޕްލޭ އޯފް ޔަގީން ވެފައެވެ.

މާލޭ ލީގުގެ މެޗެއް މާދަމާރޭވެސް އޮންނާނެއެވެ. މާދަމާ ރޭ 10:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ވިކްޓަރީއާއި ކްލަބު އީގަލްސްއެވެ.