07 Sep 2011, 18:30
ދުނިޔޭގެ ކަންކޮޅުތަކުގައި ރާއްޖެ މަޝްހޫރުވެފައި ވަނީ ގުދުރަތީ ރީތި މަންޒިލެއްގެ ގޮތުގަ އެވެ. ކިރު ހުދު ކުލައިގެ ރީތި ގޮނޑުދޮށްތަކަކީ ދިވެހިރާއްޖޭގެ މޫނުމަތި ކަމުގައި ވަނީ ވެފަ އެވެ. މިލިއަނުން ލާރި ހަރަދުކޮށްގެން ޓޫރިސްޓުން ރާއްޖެ އަންނަނީ ވެސް ދިވެހި ގޮނޑުދޮށްތަކުން އުފާ ލިބިގަތުމަށެވެ.
ނަމަވެސް ވޭތުވެ ދިޔަ ދެތިން ދުވަހުގެ ތެރޭގައި އެ ގޮނޑުދޮށްތަކުން އޮފް ކެޑިއްޖެ އެވެ. ތިލަފުށީގެ ކުނީގެ ނިޒާމް ބޮއްސުން ލުމާ އެކު ޓޫރިސްޓުންގެ "ސުވަރުގެ" ބަދަލުވީ ކުނި ބުނީގެ ޖަގަހަ އަކަށެވެ. އޮޔާދާން ފެށި ވިހަ ކުނި ތިލަފުށީ ފަޅުގައި ރޯލް ވަމުން ދިޔަ ދިޔުން އިސާހިތަކު ބަދަލުވެ، ރިސޯޓުތަކުގެ މަލަމަތި ބަދަލުވެއްޖެ އެވެ. ޓޫރިސްޓުންގެ ޝަކުވާ ބޮޑުވެ ހިތްހަމަ ނުޖެހިއްޖެ އެވެ. މުޅި އިންޑަސްޓްރީ ގުޅުމެއް ނެތް ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.
"މިއަދު ވެސް މިހިސާބުގެ ރިސޯޓުތަކުން ]މާލެ އަތޮޅު[ގެ ރިސޯޓްތަކުން އުޅެން މި ޖެހެނީ އެތަކެތި ނަގައި ސާފުކުރުމުގައި. އެ ބޭފުޅުން އެ އުޅެނީ ހަދާނެ ގޮތް ނޭނގި ހާސްކަމެއްގެ ތެރޭގައި. ޝަކުވާ ކުރައްވަނީ ކޮންޓްރޯލެއް ނެތި، މި އެއްޗިހި ލައްގަނިއްޔޭ ކިޔައިގެން. މިހިސާބަށް މިކަން ދިޔައިމާ އެބަ ޖެހޭ ސީރިއަސްކޮށް ވިސްނަން. މިއީ ކިހިނެތް ވެގެން އުޅޭ ކަމެއްތޯ ބަލައި މިކަން ހައްލުކުރަން މަސައްކަތް ކުރަން،" ރިސޯޓުތައް ތަމްސީލް ކުރާ ގައުމީ ޖަމްއިއްޔާ، މަޓީގެ ރައީސް ސިމް އިބްރާހިމް ވިދާޅުވި އެވެ.
ރިސޯޓްތަކަށް ލައްވާ ކުނީގެ ތެރޭގައި ސިއްހަތަށް އޭގެ އިން ސީރިއަސް މައްސަލަތަކެއް ނިކުންނަ ކުނީގެ ބާވްތައް ހިމެނެ އެވެ. އޭގެ ތެރޭގައި "ނެޕީ އާއި ދަނގަޑާއި ނަޖިސްގެ ބާވަތްތައް" ހިމެނޭ ކަމަށް ސިމް ވިދާޅުވި އެވެ.
ކުނީގެ މަރުކަޒު، ތިލަފުށިން އޮޔާ ދިޔަ ކުނި އިގްތިސޯދުގެ މައި ނާރު، ޓޫރިޒަމަށް ފޯރިއިރު ތިލަފުށި އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނި، ތިލަފުށީ ކޯޕަރޭޝަން (ޓީސީއެލް) އަށް ވެސް ވަނީ ކުނީގެ މައްސަލަ ފޯރައިފަ އެވެ. އެ ކުންފުނީގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް މެނާޖާ މުހަންމަދު ލަތީފް މިއަދު ވިދާޅުވީ "ތިލަފުށީ އެތެރެ ސަރަހައްދުގައި ކުނި ގިނަވުމުން ތިލަފުށީ ހިއްކުމަށް ޗެނަލް ކޮނުމަށް ވަރަށް ބޮޑަތި ދަތިތަކާ ކުރިމަތިވަމުން އަންނަ" ކަމަށެވެ. "އަސްލު ކުނީގެ ކަންތަކަކީ އަޅުގަނޑުމެންގެ މެންޑޭޓްގައި އޮންނަ ކަމެއް ނޫން. މިތަނުގެ ކުނީގެ ސަރަހައްދާ ހަވާލުވެގެން ތިއްބަވާނީ މާލޭ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން. އެކަމަކު ވެސް މީގެ ކުރިން ވެސް އެ މައްސަލަ އެގޮތަށް ދިމާވެގެން އަޅުގަނޑުމެން އަމިއްލައަށް އެކްސްކަޥޭޓަރާ އެއްޗިހި ގެނެސްގެން މިކަން ހައްލުކުރަން މަސައްކަތް ކުރިން،"
ކުނި ނައްތާލުމުގެ މައްސަލަ ބޮޑުވެ، ޓޫރިޒަމް އިންޑަސްޓްރީއަށް އަސަރު ކުރަން ފެށުމުން އެކަމުގެ ސަބަބުތައް ދެނެ ގަތުމަށް މިއަދު ވަނީ އެންވަޔަރަމަންޓަލް ޕޮރޮޓެކްޝަން އެޖެންސީ ]އީޕީއޭ[ އާއި ކުނި ނައްތާލުމާ ހަވާލުވެގެން އުޅޭ ސިޓީ ކައުންސިލުން ތިލަފުއްޓަށް ދަތުރެއް ކޮށްފަ އެވެ. އެ ދަތުރަށް ފަހު ސިޓީ ކައުންސިލްގެ މެންބަރު މުހަންމަދު އަބްދުލް ކަރީމް ވިދާޅުވީ އެއީ "މާކުރިން ފެށިގެން ދިމާވާން ފެށި މައްސަލައެއް، ބަދަލުވެގެން ކުއްލިއަކަށް ކޮންމެ ވެސް ވަރަކަށް ކުނިތައް މި ފެތުރުނީ،" އަދި "އެ ކުނި ފެތުރިފައި ހުރީ ރިސޯޓް ގޮނޑޭ ]ރިސޯޓުން ގެންނަ ކުނި ބާލާ ސަރަހައްދު[ މިކިޔާ ސަރަހައްދަށް. ]އެމީހުން[ ފަރުވާތެރިކަމެއް ނެތި ކުނި އަޅާތީވެ އަސްލު މިކަހަލަ މައްސަލަތައް ދިމާވެފައި މި ހުރީ،"
ރިސޯޓުން ކުނި އުކާ ފަރާތްތަކަށް ސީޓީ ކައުންސިލުން އިނގިލި ދިއްކުރާ އިރު އީޕީއޭ އިން ތިމާވެއްޓަށް ނުރައްކާ ބޮޑު އެ މައްސަލަ ދިމާވާން ޖެހޭ ސަބަބާ މެދު ހިޔާލު ހުރި ގޮތް ތަފާތެވެ.
"ހަގީގަތުގައި ކުނި އަޅަން މި އޮންނަނީ ޖެޓީއާ ކައިރިއަށް. އެތަނަށް އަޅާ ކުނި އެއްފަރާތް ނުކުރެވިއްޔާ ދެން އަންނަ ދޯންޏަށް ކުނި ހުސްކުރަން އުނދަގޫވޭ. އެހެންވުމުން ބައެއް ފަހަރު އެމީހުން އަޅާލަނީ ޖެހުނު ތަނަކަށް. އަނެއްބައި ފަހަރަށް ފަޅުތެރެއަށް ކުނި އަޅާލެވެނީ. ނޫނީ ކުނި ހުރީމައި ދޯނި ވައްދަން ނުކެރިގެން އެތާ ތެރެއަށް ކުނި އަޅާލަނީ،" އީޕީއީގެ ޑިރެކްޓާ އިބްރާހިމް ނައީމް ވިދާޅުވި އެވެ.
ކުނި ނައްތާލުމުގައި ރަނގަޅު ނިޒާމެއް ނެތި ކުނީގެ މައްސަލަ ބޮއްސުން ލައިގެން ގޮސްފައިވާ ކަމަށް އީޕީއޭން ގަބޫލުކުރާ އިރު އަދި އެ މަސައްކަތް ކުރައްވާ ސިޓީ ކައުންސިލުން ޓޫރިޒަމް އިންޑަސްޓްރީއަށް އިނގިލި ދިއްކުރާއިރު މަޓީ ވަނީ އެވާހަކައަށް ރައްދުދީފަ އެވެ.
"ޒަމާނުއްސުރެ ޓޫރިޒަމް އިންޑަސްޓްރީއަކީ އުސޫލެއްގެ ދަށުން ކުނި އުކަމުން އައި ބައެއް. ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ދަނީ. ދެން އަނެއްކާ ނަޖިސް ފަދަ ތަކެތި ހުންނަންޏާ އެއީ އަޅުގަނޑުމެން އުކާ ކުންޏެއް ނޫން. ރިސޯޓްތަކުގައި ނަޖިސް ބޭރުކުރުން ހުންނާނީ ނުލާހިކު ރަނގަޅަށް ހަމަޖެހިފައި. އަޅުގަނޑުމެން ބޭނުން ނުކުރާ އެތައް އެއްޗެއް އެބައުޅޭ. އެހެން ވީމާ އަޅުގަނޑުމެން ވަކި ބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި މިކަން ހައްލުކުރުން މުހިންމީ،" ސިމް ވިދާޅުވި އެވެ.
ސިޓީ ކައުންސިލާއި އަދި ޓީސީއެލް ގުޅިގެން ތިލަފުށީ ސަރަހައްދުގައި ހުރި ކުނި ނަގައި ހުސްކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފެށުމަށް މިއަދު ވަނީ އެއްބަސްވެ އެ މަސައްކަތްތައް ފަށައިފަ އެވެ. އެ މަސައްކަތްތަކުގެ ދަށުން "ފެންސް ޖަހައި އަދި ބޯޓްފަހަރާއި ފީނައިގެން ފަޅުގައި ހުރި ކުނިތައް ނަގައި ތިން ދުވަސްތެރޭ" ހުސްކުރާނެ ކަމަށް" ޓީސީއެލް އިން ބުންޏެވެ. "އަޅުގަނޑުމެން ހުސްކުރިޔަސް ބަޔަކު މޫދަށް އަޅަންޏާ މިކަން ހުއްޓޭނެ ގޮތެއް ނެތް،"
ކުނީގެ މައްސަލަ ސީރިއަސްވެ ނުރައްކާ ބޮޑުވުމުން އީޕީއޭން ވަނީ އެކަމުގައި ޒިންމާވާ ފަރާތްތައް ބަލައި ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ.
"އޭގެ ތެރޭގައި ބައި ޑިގްރޭޑެބްލް ވޭސްޓް މިއުޅެނީ. މީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތައް ބަލާނަން. އެ މަސައްކަތް މި ކުރަނީ،" ނައީމް ވިދާޅުވި އެވެ.
ތިލަފުށީގެ ކުނީގެ މައްސަލައަށް އަވަސް ހައްލުތަކެއް ނައިސްފި ނަމަ އޭގެ ހިތި ނަތީޖާ ދިވެހި އިގްތިސޯދުގެ މައި ނާރު، ޓޫރިޒަމަށް ކުރާނެ އެވެ. އެއީ މުޅި ދިވެހިންނަށް ގުޅިގެން ދާނެ ނުބައި އަސަރަކަށް ވާނެ އެވެ.
"ޓޫރިސްޓުން މި އަންނަނީ ރާއްޖެ ބަލައިލަން. އެކަމަކު މިހެން ވަންޏާ އެމީހުންނެއް ނާންނާނެ. މިކޮޅުން ގޮސްވެސް އެމީހުން އެވާހަކަ ދައްކާނެ. އެހެންވީމާ އޭގެ ނޭދެވޭ އަސަރުކުރާނީ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން މިތިބީ ކަންބޮޑުވެފައި." ސިމް ވިދާޅުވި އެވެ.