ހއ. އުލިގަމުގައި ހުންނަ ސިފައިންގެ ރާޑަރަށް ހޮނު އެޅުމުގެ ސަބަބުން މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފް އިން އެކަން ހާމަކުރީ މިދިޔަ ބުދަ ދުވަހު ހއ. އިންނަފިނޮޅު ފަރަށް އެރި އީރާނު ބޯޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައެވެ.

ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ކޯސްޓްގާޑު ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ހޮނު އެޅުމުން އުލިގަމުގައި ހުރި ރާޑަރު މައްސަލަ ޖެހިފައިވާ ކަމަށެވެ.

"އެ ރާޑަރު އަޕްގްރޭޑް ކުރުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ލިބިފައި. އިންޑިއާ ސަރުކާރުން އެކަން ހަވާލުކޮށްފައިވާ ޓީމު ޖޫން މަހު ރާއްޖެ އަންނާނެ،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ގިނަ ރާޑަރުތަކެއް ހުންނަ ގައުމުތަކުގައި ވެސް ރާޑަރަށް ނާރާ ކަންކަން ހިނގާ ކަމަށެވެ.

ސަލީމް ވިދާޅުވީ އެ ބޯޓު ފަރަށް އަރާފައިވާ ކަމަށް ބުނެ މަސްވެރިން ރިޕޯޓުކުރުމުން އެންމެ ފުރަތަމަ އެތަނަށް ދިޔައީ ހޯރަފުށީގައި އޮތް ސީ އެމްބިއުލާންސް ކަމަށެވެ. އަދި އެތަނަށް ޔުނިފޯމުގައި ތިބި ސިފައިން ފެނުމުން އެމީހުން ބޯޓުގައި ރޯކޮށްލައި، ލައިފް ޖެކެޓާއެކު ކަނޑަށް ފުންމާލީ ކަމަށް އެތަނަށް އެޓެންޑްވި ސިފައިންނާ ހަވާލާދީ ސަލީމް ވިދާޅުވިއެވެ.

އެ ބޯޓުން ރަށްތަކަށް ލެއްގި މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް 115 ކިލޯގެ މަސްތުވާތަކެތި ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.