މިދިޔަ ބުދަ ދުވަހު ހއ. އިންނަފިނޮޅު ފަރަށް އެރި އީރާނު ބޯޓު މީގެ ކުރިން ރާއްޖެ އައިސްފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް ޕޮލިސް ސާވިސަސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން އިސަކަންދަރު ކޮށީގައި މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފެރެންސްގައެވެ.

"މި އުޅަނދު މިއަހަރު އަދި މީގެ ކުރިންވެސް ހުއްދަ ހޯދައިގެން އަދި ހުއްދަ ނުހޯދާވެސް ރާއްޖޭގެ ސަރަހައްދަށް ވަތް ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަކަށް ލިބިފައެއް ނުވޭ،" ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ކޯސްޓްގާޑު ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެ ބޯޓު ފަރަށް އަރާފައިވާ ކަމަށް ބުނެ މަސްވެރިން ރިޕޯޓުކުރުމުން އެންމެ ފުރަތަމަ އެތަނަށް ދިޔައީ ހޯރަފުށީގައި އޮތް ސީ އެމްބިއުލާންސް ކަމަށެވެ. އަދި އެތަނަށް ޔުނިފޯމުގައި ތިބި ސިފައިން ފެނުމުން އެމީހުން ބޯޓުގައި ރޯކޮށްލައި، ލައިފް ޖެކެޓާއެކު ކަނޑަށް ފުންމާލީ ކަމަށް އެތަނަށް އެޓެންޑްވި ސިފައިންނާ ހަވާލާދީ ސަލީމް ވިދާޅުވިއެވެ.

އެ ބޯޓުން ރަށްތަކަށް ލެއްގި މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް 115 ކިލޯގެ މަސްތުވާތަކެތި ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.