07 Sep 2011, 18:00
އުމުރަށް )25 އަހަރަށް( ޖަލަށްލާފައި ހުރި މީހަކަށް ނޭނގި ސޯޝަލް ލިބަރަލް ޕާޓީ )އެސްއެލްޕީ(ގައި އޭނާގެ ނަން ރަޖިސްޓްރީ ކުރި ކަމަށް ބުނެ، އެސްއެލްޕީގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ މަހު ރައީސް ނަޝީދު ދެވަނަ ފުރުސަތު ދެއްވި ސ. ހިތަދޫ، ޓައިމާގެ އަހުމަދު ދީދީ އެސްއެލްޕީގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭނާއަށް ނޭނގި އެސްއެލްޕީގެ މެންބަރަކަށް އޭނާ ހަދައި އެ ޕާޓީ ހިންގުމަށް ދައުލަތުން ދިން ފައިސާ ނެގުމުގައި އޭނާގެ ނަން ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.
އަދި އޭނާއަށް ނޭގި އެ ޕާޓީގެ އެކި ހަރަކާތްތަކުގައި ބައިވެރިކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގަ އާއި އޭނާގެ ސޮޔާއި އިނގިލީގެ ނިޝާން އެސްއެލްޕީން ބޭނުންކޮށްފައި ވާތީ ޖުމްލަ 1.01 މިލިއަން ރުފިޔާ އެސްއެލްޕީން ނަގައި ދިނުމަށް ވެސް އަހުމަދު ދީދީ ކުރި ދައުވާގައި އެދިފައިވެ އެވެ.
މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު، ގާޒީ އަލީ ރަޝީދު ހުސައިން މިއަދު ހުކުމް އިއްވަމުން ވިދާޅުވީ އަހުމަދު ދީދީ އެސްއެލްޕީގެ މެންބާޕިޝްގައި ހިމެނުމަށް އޭނާގެ ނަން ފުރާފައިވާ ފޯމްގައި އިނގިލީގެ ނިޝާން ޖަހާފައި ނެތް ކަމަށެވެ. އަދި އޭނާގެ ފޯމް އިލެކްޝަނަށް ހުށަހެޅީ ފެބްރުއަރީ 2، 2007 ގައި ކަމުން އޭރު ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށްވުމުގެ ފޯމްގައި އިނގިލީގެ ނިޝާން ނުޖަހާ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ޝަރީއަތުން ބުނީ އިނގިލީގެ ނިޝާން ޖަހަންޖެހޭ ގޮތަށް ހަމަޖެހުނީ އެފްރީލް 1، 2010 ގައި ކަމަށެވެ.
ހުކުމުގައި ބުނަނީ އޭރު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި އަމަލު ކުރަމުންއައި އުސޫލްތަކާ ހިލާފަށް އެސްއެލްޕީން އެއްވެސް ކަމެއްކޮށްފައިވާ ކަން ޝަރީއަތުގައި އަހުމަދު ދީދީއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ދައުވާގައި ބަދަލުގެ ގޮތު އަހުމަދު ދީދީ ނަގައި ދިނުމަށް އެދިފައިވާ 1.01 މިލިއަން ރުފިޔާ އެސްއެލްޕީން ނަގައިދެވޭނެ ނެތް ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި 2007 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި 25 އަހަރުގެ ޖަލު ހުކުމް މާފުކޮށްދެއްވައި ދެވަނަ ފުރުސަތު ރައީސް ނަޝީދު ދެއްވި އަހުމަދު ދީދީ ކޯޓުން ބޭރުގައި ސަން އަށް މައުލޫމާތު ދެމުން ބުނީ ސިވިލް ކޯޓުން މިއަދު ކުރި ހުކުމް ހައި ކޯޓްގައި އިސްތިއުނާފު ކުރުމާމެދު ވިސްނަމުން އަންނަ ކަމަށެވެ. އަދި އޭނާ ޖަލުގައި ހުރި އިރު، ޑީއާރްޕީގެ މެންބަރެއްގެ ގޮތުގައި ހުއްޓާ އެސްއެލްޕީއަށް ރަޖިސްޓްރީވީ ކޮންގޮތަކުން ކަމެއް އެނގިފައި ނުވާ ކަމަށާއި އެކަމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަދިވެސް މަސައްކަތް ކުރާނެ ކަމަށެވެ.