04 Jun 2018, 10:17
މިއަދުން ފެށިގެން މިމަހުގެ ދިހަ ވަނަ ދުވަހާ ހަމައަށް މޮރިޝަސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޮރިޝަސް އިންޓަނޭޝަނަލް ސީރީސްގައި ވާދަކުރަމަށް އެކުލަވާލި ގައުމީ ބެޑްމިންޓަން ސްކޮޑުގައި އެންމެފަހުގެ ގައުމީ ޗެމްޕިއަން ހުސައިން ޒަޔާން ޒަކީ ނުހިމެނުން ވެގެންދިޔައީ ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެގެން ދިޔަ ކަމަށެވެ.
ހާއްސަކޮށް މޮރިޝަސް ސީރީސްއަކީ އަންނަ އަހަރު އެ ގައުމުގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ލިބޭ ފުރުސަތަށްވާ އިރު، އެ މުބާރާތަށް ރާއްޖޭގެ އެންމެ އުންމީދީ އެއް ބެންޑްމިންޓަން ކުޅުންތެރިޔާ ނުގެންދިއުން ވެގެންދިޔައީ ގިނަ ސުވާލުތަކެއް އުފެދުނު ކަމަށެވެ.
ޒަޔާންއަކީ އެންމެފަހުން މޮރިޝަސް މުބާރާތުގައި ރާއްޖެއަށް މެޑަލް ގެނެސްދިން ކުޅުންތެރިއެއް

ރާއްޖެއިން ސާފް ގޭމްސްއަށް ދިޔަ ޓީމާއެކު ޒަޔާން ---
ޒަޔާންއަކީ ގިނަ މުބާރާތްތަކެއްގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމު ލީޑުކޮށް، ބައިނަލްއަގުވާމީ ބެޑްމިންޓަން ފެޑަރޭޝަން (ބީޑަބްލިއުއެފް) މުބާރާތަކަށް ރާއްޖެއަށް މެޑަލްއެއް ގެނެސްދީފައިވާ ހަމައެކަނި ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔާއެވެ. އޭނާ މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވި އިންޓަނޭޝަލް މޮރިޝަސް ސީރީސްއިން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން އިރު، މިވަގުތުވެސް ޒަޔާން އަންނަނީ ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.
މިވަގުތު މެލޭޝިޔާގެ އެލީޓް ބެޑްމިންޓަން އެކަޑެމީއެއް ކަމަށްވާ އޭޝިއަން ބެޑްމިންޓަން އެކަޑެމީގައި ޒަޔާން ތަމްރީނު ހަދަމުންދާ އިރު، 2016 ވަނަ އަހަރު އޯގަސްޓު މަހުން ފެށިގެން އޭނާ އަންނަނީ ފުލްޓައިމްކޮށް ބެޑްމިންޓަން ޓްރެއިނިން ހަދަމުންނެވެ. ޒަޔާންގެ މިހާރުގެ ކޯޗަކީ ކުރިން ރާއްޖޭގެ ގައުމީ ޓީމުގެ ހެޑްކޯޗު ޖީވާ ކަމަށްވާ އިރު، އޭނާ އެކޮޅުގައި ފަރިތަކުރަން ފެށީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރުހުމާވެސް އެކީ ސެމީ-ޕެއިޑް ސްކޯލާޝިޕެއްގައެވެ.
"މިހާރު ކޯޗަކީ ޖީވާ. އެއީ 2015 ވަނަ އަހަރު ރާއްޖޭ ޓީމުގެ ހެޑް ކޯޗު. ސްކޮލާޝިޕްގެ ދަށުން، މިތާ ފަރިތަކުރަމުންދަނީ. އެކަޑެމީއިން ބައި އަހަރުގެ ހަރަދުތައް ބަލަހައްޓަނީ. އަމިއްލަ ހަރަދުގައި އަނެއްބައި ހަރަދުކުރަނީ. އެސޯސިއޭޝަންގެ ރުހުމާއެކު ފަރިތަކުރަމުންދަނީ،" ޒަޔާން ބުންޏެވެ.
ޒަޔާން ބުނީ އޭނާގެ ތަމްރީނުތައް ދަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި، އެކަޑެމީއަށް އޭނާ ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ. ހާއްސަކޮށް އެކަޑެމީގެ މުބާރާތްތަކަށް ވަގުތު ދީގެން އަހަރުގެ 10 ނޫނީ 12 ވަރަކަށް މުބާރާތް ކުޅޭ ކަމަށް ޒަޔާން ބުންޏެވެ.
އޮޓޮމެޓިކް ފުރުސަތަކަށް ނޭދަން - އެދުނީ ސެލެކްޝަންއަކަށް

އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލް މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ގައުމުން ބޭރުގައި ތަމްރީނު ހަދަމުން ދާއިރު އޭނާގެ އަމާޒަކީ ރާއްޖެއަށް ރީތި ނަން ހޯދައިދިނުމެވެ. ހާއްސަކޮށް ގައުމީ ޓީމާއެކު ރަން މެޑައްޔަކަށް އޭނާގެ އަމާޒު ހުރި އިރު، އަހަރުގެ އެންމެ ބޮޑު މުބާރާތުން އޭނާއަށް ފުރުސަތު ގެއްލުމަކީ ލިބުނު ވަރަށް ބޮޑު ދެރައެކެވެ.
"މިއަހަރު މޮރިޝަސްގައި އޮންނަ މުބާރާތަކީ އަންނަ އަހަރު އެގައުމުގައި އޮންނަ އިންޑިއަން އައިލެންޑް ގޭމްސްގެ ރިހާސަލެއް އަސްލު. ހަމަ އެއް ހޯލެއްގައި މުބާރާތް މި ކުޅެނީވެސް. އެއް ކުޅުންތެރިންނާ ދެކޮޅަށް ކުޅެލަން ޖެހޭނީވެސް. އެހެންވެ މިހާރު ފަރިތަކުރަމުންދާ އެކަޑެމީންވެސް އެންމެ ބޮޑު މުބާރާތަކަށް މިއަހަރު ނެގީ އެ މުބާރާތް. އެހެންވެ ވަރަށް ބޮޑަށް ދާން ބޭނުންވެފައި ހުރީ،" ޒަޔާން ބުންޏެވެ.
ޒަޔާން ބުނީ މިއަހަރުގެ މުބާރާތަށް އެސޯސިއޭޝަންގެ ސްކޮޑުން ޖާގަ ނުލިބުނުކަން އެނގުނީ ފަހު ވަގުތު ކަމަށެވެ. ހާއްސަކޮށް ޓީމުގައި ހެމެނުމަށް އޭނާ ބޭނުންވީ އޮޓޮމެޓިކުން ނޫން ކަމަށާއި، އޮންނަ އުސޫލެއްގެ ދަށުން ސެލެކްޝަން މެޗުތައްވެސް ކުޅެގެން ކަމަށް ޒަޔާން ބުންޏެވެ.
"ކުރިން ޔޫކޭގައި ކިޔަވަން އުޅުނު އިރު، ސެލެކްޝަން މެޗުތަކަށް އައިސް ވަކި ކްރައިޓީރިއާގެ ދަށުން އެކަން ކުރިއަށް ގެންދިއުމަށް ފުރުސަތު ދޭ. އޮޓޮމެޓިކް ޖާގައަކަށް އެއްވެސް އިރެއްގައި ނޭދެނަން. ކްރައިޓީރިއާ ތަކަށް އެދެނީ. އަޖުފާންގެ ކާމިޔާބީއަށްވެސް ބަލައި އެގޮތަށް ކާމިޔާބު ހޯދުމަށް އަސްލު ބަލަނީ. އޭނާ އަކީ ރާއްޖޭގައި ހުރި އެންމެ މޮޅު މީހާ،" ޒަޔާން ބުންޏެވެ.
މިފަހަރުގެ މުބާރާތުގެ ކުރިން އެކަށީގެންވާ ވަގުތު ނުދީ ޒަޔާންއަށް އެސޯސިއޭޝަނުން އެއްބަސްވުމެއް ހުށަހެޅި ކަމަށް ޒަޔާން ބުނެފައިވާ އިރު، އޭގައިވާ ކަންކަމުގެ ތެރެއިން އޭނާ ބައެއް ކަންކަން ސާފުކޮށްލަން އެދުމުން ޖަވާބެއް ނުލިބުނެވެ. އަދި އެސޯސިއޭޝަންގެ ރަސްމީ ސްކޮޑުން އޭނާ ބާކީވުމުން އަމިއްލަ ގޮތުން މުބާރާތުގައި ވާދަކުރުމަށް ހަތަރު ފަހަރެއްގައި ރިކުއެސްޓް ކުރިމަށާއި، އެއަށްވެސް ޖަވާބެއް ނުދޭ ކަމަށް ޒަޔާން ބުންޏެވެ.
އެސޯސިއޭޝަންގެ ބަސް
މިދިޔަ އަހަރު މޮރިޝަސް ސީރީޒުން ރާއްޖެއަށް ދެ މެޑަލް ލިބިފައިވާ އިރު، މެޑަލް ލިބިފައިވަނީ ރާއްޖޭގެ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޓީމަށެވެ. މިފަހަރު ސްކޮޑުން ބޭރު ކުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ޒަޔާން ވެސް ރާއްޖެއިން މެޑަލް ހޯދި މިކްސް ޑަބަލްސް ޓީމުގައި ހިމެނެއެވެ.
ރާއްޖެއިން އެކުލަވާލި ޓީމާ ގުޅިގެން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޓީމު އެކުލަވާލީ ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތަަކަށް ބަލައިގެން ކަމަށެވެ. އިންޑިއާގެ އަފްޒަލް ރަޝީދުގެ ކޯޗުކަމުގެ ދަށުން މިހާރު ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ޓީމުން ހަ ގަޑިއިރާއި ފަސް ގަޑި އިރާ ދެމެދުގެ ވަގުތެއްގައި ފަރިތަކުރަމުންދާ ކަމަށާއި، ޓީމަށް ކުޅުންތެރިން ނެގީ އެ ފަރިތަކުރުންތަކަށް ބަލައިގެން ކަމަށެވެ.
ޓީމު ނެގުމުގައި ވަކި ކުޅުންތެރިއަކަށް ނުވިސްނާ ކަމަށާއި، ޓީމުން މިއަހަރުގެ ސިންގަލްސް ޗެމްޕިއަންސް ޒަޔާންއަށް ފުރުސަތު ނެތީ ކަމަށްވެސް އިޝްފާން ފާހަގަކުރިއެވެ. އޭނާ ބުނީ ޒަޔާންގެ އިތުރުންވެސް އުންމީދީ ބައެއް ކުޅުންތެރިންނަށް މިފަހަރުގެ ސްކޮޑުން ޖާގަ ނުލިބުނު ކަމަށެވެ.
ޒަޔާންގެ އުންމީދަށް ބަދަލެއް ނާދޭ - އަދިވެސް ރަން މެޑަލްގެ އިންތިޒާރުގައި
ޒަޔާންއަށް އެންމެ މުހިއްމު އެއް މުބާރާތުގެ ސްކޮޑުން އޭނާ ބޭރުވުމުން ކުރިމަގަށް އުނދަގޫތަކެއް ދިމާވެފައިވާ އިރު، މިވަގުތަކީ އޭނާގެ ކެރިއަރުގައި އުނދަގޫ ދުވަސް ކޮޅެކެވެ. ޒަޔާން ބުނީ އޭނާ އަބަދުވެސް ކުރިއަށް ދިޔައީ އެސޯސިއޭޝަނުން ލިބޭ އެއްބާރުލުމާ އެކުގައި ކަމަށެވެ. އެގޮތުން އަމިއްލަ ގޮތުންވެސް ކުރިން މުބާރާތްތަކުގައި ބައިވެރިވުމަށް އޭނާއަށް ފުރުސަތު ދީފައިވާ އިރު، މިފަހަރުގެ މުބާރާތަށް އެ ފުރުސަތުވެސް ނުދިން ސަބަބު ޒަޔާންއަށްވެސް ބުނެދޭން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ޒަޔާން ބުނީ އޭނާގެ އުންމީދަކީ އަދިވެސް ހުރިހާ ކަމެއް ރަނގަޅުވެ އަނެއްކާވެސް ގައުމީ ޓީމަށް އެނބުރި އައުން ކަމަށެވެ. އަދި ހަމައެއާއެކު މިފަހަރު މޮރޮޝަސްއަށް ދިޔަ ޓީމުގެ ހުނަރާ މެދު އެއްވެސް ވަރަކަށް ސުވާލު ނޫފައްދާ ކަމަށާއި، އެދެނީ ހުރިހާ ކުޅުންތެރިންނަށްވެސް ކާމިޔާބީއަށް ކަމަށް ޒަޔާން ބުންޏެވެ.